އެކި އެކި ހާާދިސާތަކުގައި ދިވެހި ޤައުމުގެ ދިފާއުގައި ޤުރުބާންވި ޝަހީދުންގެ އާއިލާތަކަށް އެލަވަންސްގެ އިތުރަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރައްވައި، މިރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ފާއިތުވި 40 އަކަށް އަހަަރު ދުވަހުގެ ތެރޭގައި އެކި އެކި ހާާދިސާތަކުގައި 29 ބޭކަލަކު ޝަހީދުވެ ވަޑައިގަތްކަން އެމަނިކުފާނު ބެއްލެވި ބެއްލެވުމުން އެނގިވަޑައިގެންފައިވާ ކަމަށާއި ފާއިތުވި ސަރުކާރުތަކުގައި އެ ޝަހީދުންގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށެވެ.
އެގޮތުން މީގެ ކުރިން ޝަހީދުންގެ އާއިލާތަކަށް މާލީ އެހީތެރިކަމާ ސަރުކާރުތަކުން ދެމުން އައި މިހާރު އެކަންވެސް ހުއްޓިފައިވާަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އަންނަ އަހަރުން ފެށިގެން ޝަހީދުވި މީހުންގެ އާއިލާތަކަށާއި 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް މީހަކާއި މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 މީހުން ހިމެނޭހެން ހާއްސަ އެލަވަންސެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެއިތުރުން ޝަހީދުވި މީހުންގެ އާއިލާތަކަށް ހާއްސަކޮށްގެން “ޝަހީދުންގެ ހިޔާ” ނަމުގައި ހައުސިން ޕްރޮގްރާމެއް ހިންގަވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވައި ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 50 ހައުސިން ޔުނިޓް ހިމެނޭ ހައުސިން އިމާރާތް މި ދައުރުގެ ތެރޭގައި އަޅައި ނިންމައި އާއިލާތަކާ ހަވާލު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ޝަހީދުން ފަދަ ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭކަލުންގެ ޙައްޤުގައި ސަރުކާރުތަކުން މިފަދަ ކަންކަން ކޮށްދިނުމަކީ ލާޒިމް ކަމެއް ކަމަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ އަށް ބޭކަލުންނާއި 11 އާންމުން ޝަހީދުވިއެވެ. އަދި އޭގެ ފަހުން ހިނގި ބައެއް ހާދިސާތަކުގައި ދިވެހި އަސްކަރިއްޔާގެ ބައެއް ސިފައިން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ކަނޑުމަތީގައި ހިނގި ބައެއް ހާދިސާތައް ވެސް ހިމެނެއެވެ.