-Advertisement-

-Advertisement-

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތައް ފަށައިފި

ރައީސް މުއިއްޒު ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި: އެ މަނިކުފާނު ވިދާޅުވީ، މިއީ ގައުމީ ކަމެއް ކަމަށް - ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް 20 އަހަރު ދުވަހަށް ސަރުކާރުން އެކުލަވާލާ ޤައުމި ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްވަރާ ފަށައިފައިވަނީ، އެކަމަށްޓަކައި ޒުވާނުންގެ މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒވެ.

ވަޒީރުންގެ މަޖިލިހުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކުރިއަށް އޮތް 20 އަހަރު، ރާއްޖެ ތަރައްޤީވެގެން އަންނާނެ ގޮތް ހިމެނޭގޮތަށް، ޤާނޫނީ ބާރުވެރިކަން ލިބޭނެހެން ތައްޔާރުކުރާ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމަށް ނިންމެވިކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ، ސެޕްޓްމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެކަން އިއުލާނުކުރައްވައި ރައީސް ވިދާޅުވީ، މިފަދަ ޕްލޭނެއް އެކުލަވައިލުމުގެ އެންމެ ބޮޑު މަޤްސަދަކީ، ރާއްޖެ ތަރައްޤީވެ ކުރިއަރައިގެން ދިއުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލު ހިމެނުން ކަމުގައެވެ.

އެގޮތުން މި ތަރައްޤީގެ ޕްލޭނަށް ބޭނުންވާ މަޝްވަރާތައް ފަށްޓަވައިދެއްވަމުން މިއަދުގެ ރަސްމިޔާތުގައި ރައީސް ވަނީ، މިފަދަ ޕްލޭނެއް އެކުލަވައިލެއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި މަޝްވަރާތަކުގައި ހުރިހާ ސިޔާސީ ފިކުރެއްގެ، ހުރިހާ ރަށެއްގެ، ކުދި ބޮޑު އެންމެން ބައިވެރިވުމަށް އެދިވަޑައިގެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ،  2040 ވަނަ އަހަރާއި ހަމައަށް ދާއިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުމަކީ އެމަނިކުފާނުގެ އަމާޒެއްކަމުގައި ވިދާޅުވެފައެވެ.

އަދި އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެ ނަމަ އެއީ ނުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ ޤައުމު ތަރައްޤީވެ ދިވެހި ރައްޔިތުންނަކީ ފުދުންތެރި މުއްސަނދި ބައެއްކަމުގައި ވުމަށެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީކުރަން. ރައްޔިތުން މުއްސަނދިވާން،” – ރައީސް

މީގެ އިތުރުން ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގައި ޔޫއެންޑީޕީއާއި އޮސްޓްރޭލިއާގެ ސަރުކާރުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، މި އެކުލަވާލެވޭ ޕްލޭން ވެގެންދާނީ ޤައުމިއްޔަތުގެ ވިސްނުމުގައި ޤައުމުގެ ކުރިމަގު ހިމާޔަތްކޮށް، ބިނާކުރުމުގެ ވިސްނުމުގައި ކުރާ މަސައްކަތަކަށްކަމަށެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތަކީ އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެކުލަވައިލާ ނިންމާގޮތައް އަމާޒު ހިފައިގެން ފެށި މަސައްކަތެކެވެ.

މި ޕްލޭނާއެކު ރާއްޖޭގައި އޮތް ބޮޑެތި މައްސަލަތައް ރިޢާޔަތްކޮށް، ދުރު ރާސްތާކައި އެކަންކަން ޙައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެއެވެ.

މި ޕްލޭނަށް ބާރުދޭން ޤާނޫނުއަސާސީއަށް ވެސް މާއްދާއެއް އިތުރުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-