ޙަލާލު ޓުއަރިޒަމް ރާއްޖެއަށް ފުޅާކުރުމަށާއި ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ރާއްޖޭގައި ލޯކަލް ޓުއަރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ކ. މާފުށީގައި ގެސްޓް ހައުސްއެއް އިމާރާތްކޮށް ޙަލާލު ޓުއަރިޒަމް ފެށުމަށް ނިންމައިފިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް އެ ކޮމެޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވީ، މިވަގުތު އެ ކޯޕަރޭޝަނުން މިވަގުތު ހައްޖަށް މީހުން ގެންދަމުން އަންނަނީ ކުންފުންޏަށް މާލީ ގެއްލުންވާގޮތަށް ކަމަށެވެ.
އެގޮތުން 2013 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ޙައްޖަށް މީހުން ގެންދާ އަގަކީ، 69،965 ރުފިޔާކަމުގައި ކަނޑައަޅާއި އޭރުން ފެށިގެން އެ އަގަށް ބަދަލެއް ނުގެނެސް މީހާރުވެސް ހަމަ އެ އަގުގައި މީހުން ޙައްޖާ ގެންދާކަން ފާހަގަކުރައްވައި ޝަކީލް ވިދާޅުވީ، އެވްރެޖްކޮށް ގާތްގަނޑަކަށް ލައްކައެއްހައި ރުފިޔާ ކޮންމެ ޙައްޖުވެރިއަކަށްވެސް ޙައްޖުގެ އެންމެހައި ކަންކަމަށް ޚަރަދު ވާކަމަށެވެ.
އެގޮތުން ޙައްޖަށް މީހުން ގެންދާ އަގު ކުޑަކޮށް އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏެއް ކަމުގައި ހެދުމަށް މާފުށީގައި ގެސްޓް ހައުސްއެއް އިމާރާތްކޮށް ޙަލާލު ފަތުރުވެރިކަމުގެ ތެރެއަށް އެ ކުންފުނިން ވަނުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން މިފަދައިން ނިންމާފައިވަނީ، ޙައްޖުގެ އެންމެހައި ކަންކަމަށް އެ ކުންފުނިން ކުރާ ޚަރަދުތައް ކުރަނީ، ބޭރު ފައިސާއަށް ކަމަށް ވެފައި ބޭރު ފައިސާ ލިބުން ޙައްޖު ކޯޕަރޭޝަނަށް ބޮޑުތަނުން ދަތިވެފައި ވުމުންކަމުއިވެސް އެ ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ.
މީގެ އިތުރުން، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓްތަކެއް ވެސް ބިނާކުރަމުންނެވެ. ޝަކީލް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ އިމާރާތް ކުރެހުމުގެ މަސައްކަތެވެ. ކުރިއަށް އޮތް ދެތިން މަހެއް ތެރޭ އެ މަސައްކަތް އެވޯޑުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ޙައްޖަށް މީހުން ގެންދަން ލިބޭ ހުރިހާ ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފައެވެ.