ދިވެހިރާއްޖެ އެތެރެކުރާ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިމުމާއެކު ސިނގެރޭޓުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ރޭޓް 3ރ. އިން 8ރ. އަށް މަތި ކުރުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނިންމަވައި، އެ ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވުމުން އެ ބިލު ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފައެވެ.
އެއާއެކު އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު އެ މަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފައެވެ.
މި އިސްލާހާއެކު، ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރާ ކުންފުނިތަކުންނާއި ފިހާރަތަކުން ވިއްކާ ސިނގިރޭޓުގެ އަގު ބޮޑުތަނުން އުފުލިފައިވާއިރު، މީގެ ކުރިން 995 އަށް ވިއްކަމުން އައި ސިނގެރޭޓް ކާޓޫނެއް ދެން ލިބޭނީ 2240 ރުފިޔާއަށެވެ.
ހަމައެޔާއެކު މީގެ ކުރިން 105-110 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބޭ ސިނގެރޭޓް ފޮށްޓެއްގެ އަގު މިވަނީ 200 ރުފިޔާއިން މައްޗަށް ޖެހިލައިފައެވެ.
އަދި ވަކިވަކިން ވިއްކާ ސިނގެރޭޓްގެ އަގުތައްވެސް 10 ރުފިޔާއާއި ހަމައަށް ބައެއް ވިޔަފާރީތަކުން ވަނީ އުފުލައިފައެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ގެނައުމަށް ނިންމި މި ބަދަލާއެކު، ނގިރޭޓާއި ބިޑިން ނަގައި ޓެކުހުން ލިބޭ އާމްދަނީ އިތުރުވެ އަންނަ އަހަރު އެކަނިވެސް އެ އަދަދު 1.05 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
ސިނގެރޭޓާއި ބިޑިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ މަތިކުރުމުގެ އިތުރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށްވެސް ރައީސް ނިންމަވާ އެކަން ވަނީ އިއުލާނުކުރައްވައިފައެވެ.
އަދި ރައްޔިތުންގެ މަޖިލިހުން ފާސްކޮށް ރައީސް ތަޝްދީޤު ކުރެއްވި ބިލާއެކު އަންނަ މި މަހުގެ 15 ވަނަ ދުވަހުގެ ފަހުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާވެގެން ދާނެއެވެ. އަދި އެ ބިލުގައި ވާގޮތުން އެ މުއްދަތާއި ހަމައަށް ވޭޕްކުރާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީވެސް ބޮޑުކުރެވިގެންދާނެއެވެ.