2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ޖުމުލަ 19 ރަށެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމް ޤާއިމްކުރުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކުންވެސް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަދު ބޭއްވި ރަސްމިޔާތެއްގައި، ރާއްޖޭގެ 19 ރަށެއްގައި އިސްލާމިކް ބޭންކްގެ އޭޓީއެމްތައް ޤާއިމް ކުރުމަށް އެ ބޭންކާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެގޮތުން މިއަދު ވެވެނު އެއްބަސްވުމުގެ ދަށުން ޖުމުލަ 19 ރަށެއްގައި އެމްއައިބީގެ 23 އެޓީއެމްއެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން މިހާރުވެސް އަންނަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 18 ރަށެއްގައި 39 އޭޓީއެމްއެއްގެ ޚިދުމަތް ދެމުންނެވެ.
އެގޮތުން އަންނަ އަހަރު އެ ބޭންކްގެ ފަރާތުން ޤާއިމްކުރާ 23 އޭޓީއެމްއާއެކު ޖުމުލަ 56 ރުފިޔާ އޭޓީއެމްތަކާއި ހަ ޑޮލަރު އޭޓީއެމް ހިމެނޭހެން 37 ރަށެއްގައި 62 އޭޓީއެމްއެއް ގާއިމުކުރެފިވައި ހުންނާނެ ކަމަށް އެމްއައިބީން ބުނެއެވެ.
އެމްއައިބީން އިތުރަށް ބުނެފައިވަނީ އިތުރު ރަށްރަށުގައިވެސް އޭޓީއެމްތައް ޤާއިމްކުރުމަކީ އެ ބޭންކްގެ އަމާޒެއް ކަމަށާއި އެމްއައިބީން މަސައްކަތް ކުރަމުން އަންނަނީ، އެ ބެންކުގެ ޚިދުމަތްތައް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި ވަޢުދުފުޅުގެ ދަށުން މިއަދު ވަނީ، 2026 ވަނަ އަހަރާއި ހަމައަށް މުޅި ރާއްޖޭގެ ކޮންމެ ރަށެއްގައި އޭޓީއެމް ޤާއިމްކޮށް ޚިދުމަތް ދިނުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ބީއެމްއެލްއާއެކުވެސް އެއްބަސްވެފައެވެ.