ޗައިނާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި އެކްސްޕެންގ އިން އެ ކުންފުނީގެ ފުރަތަމަ ރޮބޮޓް “އަޔަން” ތަޢާރަފްކޮށްފިއެވެ.
2024 ވަނަ އަހަރުގެ އޭއައި ޑޭ [އާޓިފިޝަލް އިންޓެލިޖެންސް ދުވަސް] ގައި ތަޢާރަފްކުރި މި ރޮބޮޓަކީ 60 އަށް ވުރެ ގިނަ ޖޮއިންޓް [ހުޅު] އަދި 200 ޑިގްރީއަށް އެބުރުމުގެ ޤާބިލުކަން ލިބިފައިވާ ރޮބޮޓެކެވެ. މި ރޮބޮޓް ބޭނުންކުރަނީ އެކްސްޕެންގްގެ އޭއައި އިލެކްޓްރިކް ވެހިކަލްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީއެވެ.
5 ފޫޓް 8 އިންޗި އުސްމިނުގައި، 70 ކިލޯގްރާމްގެ ބަރުދަނުގައި ހުންނަ މި ރޮބޮޓް މިހާރުވެސް އެކްސްޕެންގްގެ އޮޓޯމޯޓިވް ޕްރޮޑަކްޝަން ލައިންތަކުގައި މަސައްކަތްކުރަމުންދެއެވެ. ޚާއްސަކޮށް ކުރިއަށް އޮތް ތާނގައި ނެރެން ތައްޔާރުވަމުންދާ ޕީ7+ އިލެކްޓްރިކް ވެހިކަލް އެސެމްބްލް ކުރުމުގެ މަސައްކަތުގައި މި ރޮބޮޓް ބޭނުންކުރެވެއެވެ.
މި ރޮބޮޓް ހިންގަނީ އެކްސްޕެންގްގެ އަމިއްލަ ޓިއުރިންގ އޭއައި ޗިޕް [ސިލިކޯން ޗިޕް] އިންނެވެ. މި ޗިޕަކީ 40 ކޯ ސީޕީޔޫ [ސެންޓްރަލް ޕްރޮސެސިންގ ޔުނިޓް] އެއް ހިމެނޭ، ރޮބޮޓްތަކާއި، އޮޓޯމޮބައިލްތަކާއި އަދި ދުއްވާ ކާރުތަކަށް އަމާޒުކޮށްފައިވާ ޗިޕެކެވެ.
އެކްސްޕެންގްއިން ބުނާ ގޮތުގައި މި ރޮބޮޓް ބޭނުންކުރެވޭނީ ހަމައެކަނި ފެކްޓަރީތަކުގައި އެކަންޏެއް ނޫނެވެ. ކުންފުނީގެ ފިހާރަތަކާއި، އޮފީސްތަކާއި އަދި ގޭގޭގައިވެސް އެހީތެރިއެއްގެ ގޮތުގައި މި ރޮބޮޓް ބޭނުންކުރެވިދާނެއެވެ.
މީގެ އިތުރުން، އެކްސްޕެންގްއިން ވަނީ ކުންޕެންގ ސުޕަރ-އިލެކްޓްރިކް ސިސްޓަމްވެސް ތަޢާރަފްކޮށްފައެވެ. މިއީ އިލެކްޓްރިކް ވެހިކަލްތަކުގެ ހަކަތަ ބޭނުންކުރުން އިތުރަށް ހަރުދަނާކޮށް، ދަތުރުކުރެވޭ ދުރުމިން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.
2026 ވަނަ އަހަރާ ހަމައަށް އެކްސްޕެންގްއިން ވަނީ އުދުހޭ ކާރުތައް ތަޢާރަފްކުރުމަށްވެސް ރާވާފައެވެ. އަދި ކުރިއަށް އޮތް އަހަރު ނިމުމުގެ ކުރިން 60 ގައުމަކަށް އެކްސްޕެންގްގެ ޚިދުމަތްތައް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.