ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް އިމާރާތް އަދި ސިއްހީ ދާއިރާގައި ހިންގުނު އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުގެ އައު އިމާރާތް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް މި މަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ، ހޮހަޅައެއްގެ ގޮތުގައި ސިފަކޮށް ބަޔަކު ބޭނުން ނުކޮށް ހުރި ދަރުމަވަންތަ ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި މި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި މަރާމާތު ތަކަށްފަހު ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވިގެންދާނީ ތަނުން ދެމުން އަންނަ ހުރިހާ ޚިދުމަތެއް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ފަހުގައި ކަމުގައި ރައީސް ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް މިމަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލް ޓާރޝިއަރީ ފެންވަރުގެ ޚިދުމަތްތަކާއެކު ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ރޭ ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިތާ އަހަރުތަކެއް ވެގެން ދިއަސް އެ ތަން އަދި ވެސް ފުރިހަމައަށް ބޭނުން ނުކުރާ ކަމަށް, މާލެ ސަރަހައްދުގެ ހޮސްޕިޓަލް ގްރޫޕުން މިދިޔަ މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ ހޮސްޕިޓަލް، އޭގެ ފަހުން އައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ،ދަރުމަވަންތަ ހޮސްޕިޓަލަކީ “ކޮރަޕްޝަންގެ ބިނާއެއް” ގެ ގޮތުގައި އެމްޑީޕީގެ އިސްވެރިން ސިފަކުރައްވާފައިވާތީއާ އެކު، 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ހޮސްޕިޓަލް ބޭނުންކުރަން ފެށީ ރަސްމީކޮށް ނުހުޅުވައެވެ.