ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި އޮންނަ މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ސަމިޓުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤައުމީ ތަޤުރީރު ރައީސް ޑރ މުޙައްމަދު މުޢިއްޒު އިއްވުމަށް ވަނީ ހަމަޖެހިފައެވެ.
29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި އެކި އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިންނަވާއިރު، މި ބައްދަލުވުމުގެ ތެރެއިން އެ ފަރާތްތަކާއި ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮޕް29 ބައްދަލުވުމަކީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލުމަށް ފުރުސަތު ލިބޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ.
ކޮޕް 29 ގައި ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިތައް އެކަށައެޅުމާއި ކާބަން މާކެޓް އޮޕަރޭޝަނަލައިޒް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމާއި އެއްބާރުލުން އިތުރުކުރުމާއި އެންޑީސީ ތަރައްގީ ކުރުމަށް ހުރި ހުރަސްތައް ނައްތާލުމާބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.