އިޒްރޭޕް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވައި މަޖިލިހުގެ ތަޅުމުން ބަލައިގަނެ ދިރާސާކުރުމަށް މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އަށް ހުށަހެޅި ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ދަންމާލަން ނިންމައި އަނެއްކާވެސް ޕާސްޕޯޓް ބޭންކުރުމުގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލާގޮތް ވެއްޖެއެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރާ ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ މެއި މަހުގެ 30 ވަނަ ދުވަހު އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމެވެ.
އެ ބިލު މަޖިލީހަށް ބަލައިގެނެ ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އަށް ފޮނުވީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކޮމެޓީ މަރުޙަލާގައި ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އޮތުމަށްފަހު، 154 ދުވަސް ފަހުން މިއަދު ވަނީ ކޮމެޓީގެ ޖަލްސާގައި މަސައްކަތް ނިންމާނެ ސުންގަޑިއެއް ކަނޑައަޅައިފައެވެ.
އެގޮތުން ކޮމެޓީގެ ބައްދަލުވުމުގައި މި މައްސަލައަކީ ވަރަށް ހައްސާސް މައްސަލައަކަށްވާތީ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ކުރަން ޖެހުމާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތް ވެސް ކުރިއަށް އޮތް އިރު، އަންނަ މަހު މަޖިލީސް ޗުއްޓީއަށް ވެސް ދިއުމަށް ހަމަޖެހިފައިވާތީ އެ ބިލުގެ މައްސަކަތް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ނިންމުމަށް މިއަދުގެ ކޮމެޓީއަށް ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނެވެ.
އަބްދުލްހަންނާންގެ ހުށަހެޅުން ކޮމެޓީން ފާސްކޮށްފައި ވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ހުށަހެޅި ބިލުގެ މައްސައްކަތް ލަސްވުމާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ވަނީ މަޖިލިހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައެވެ.
އެހެން ނަމަވެސް އެ މައްސަލަ މަޖިލިހުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލައިފައެވެ.