އާސަންދައިން ކުރަމުން އަންނަ އިސްރާފް ކުޑަކޮށް ދަޢުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް ދެމުން އަންނަ މެޑިކަލް ސްކީމު ރިވިއު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން މި ފިޔަވަޅުގެ ދަށުން މިހާރު ފުލުހުންނާއި ސިފައިންނަށް ދެމުން އަންނަ ވެލްފެއަރ ނިޒާމު ޕްރައިވެޓް އިންޝުއަރެންސަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މާލީ ވުޒާރާއިން އިއްޔެ އާންމުކުރި ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައިވެއެވެ.
އެގޮތުން އެ ރިޕޯޓްގައި ބުނެފައިވަނީ، ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމުން ބޮޑު ޚަރަދެއް ހިނގާތީ އެ ނިޒާމު ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން އެ ރިޕޯޓްގައި ވާގޮތުން މިއަހަރު އެކަނިވެސް ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް މެޑިކަން ވެލްފެއާގެ ގޮތުގައި 322 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އެހެންކަމުން އެ ވުޒާރާއިން ވަނީ ޕްރައިވެޓް އިންޝުއަރެންސް އަކަށް މި ނިޒާމް ބަދަލުކޮށް، އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން އަމަލު ކުރުމަށް ނިންމާފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓްގައި ވެއެވެ.
އެހެން ނަމަވެސް، މި ގެނެވުނު ބަދަލާއެކު އެ ވެލްފެއަރ ނިޒާމުގެ ދަށުން ލިބެމުން އަންނަ އާސަންދަ އެއްކޮށް ކެނޑިގެން ނުދާނެއެވެ. ޕްރައިވެޓް އިންޝުއަރެންސް ނިޒާމާއެކު އާސަންދަ ނިޒާމުގެ ތެރެއިން ސިއްހީ ޚިދުމަތް ލިބޭނީ، ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށްފަހުކަމުގައިވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ސާވިސް ޑިވަލޮޕްމަންޓްގެ ވެރިއާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ ވެލްފެއަރ ނިޒާމަށް ގެނެވުނު ބަދަލާއެކު މިހާރު ލިބޭ އެއްވެސް އެލަވަންސަކަށް އުނިކަމެއް ބަދަލެއް ނާންނާނެ ކަމަށެވެ.