އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށްދާ ބަހުސް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދާއި މާދަމާގެ ވަގުތު އިތުރުކޮށް މަޖިލިސް ރޭގަނޑު 11 އާއި ހަމައަށް ދަންމާލުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ.
އެގޮތުން މިއަދާއި މާދަމާ މަޖިލިހުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ބޭނުންވާ ހުރިހާ މެމްބަރުންނަށް ފުރުސަތުދީ، ހުސްވަގުތަށް ތަންދެމުން މިއަދުގެ ޖަލްސާގެ ވަގުތު މިރޭ 11 އަށް ކުރިއަށް ގެންދިއުމަށާއި މާދަމާގެ ޖަލްސާގައި ވެސް ވާހަކަ ދައްކަން އެދޭ މެމްބަރުންނަށް ފުރުސަތު އަރުވާ ނިމެންދެން ޖަލްސާގެ ވަގުތު އިތުރު ކުރުމަށް ވޯޓަށް ވަނީ އަހައިފައެވެ.
މި ހުށަހެޅުން ފާސްކޮށްފައިވަނީ ވޯޓުގައު ބައިވެރިވި 52 މީހުންގެ އިއްތިފާޤުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި އެ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިއީ، ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. މި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ.