-Advertisement-

-Advertisement-

ވޭޕް މަނާކުރުމުގެ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު – ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރުމުގެ އިތުރުން އެއްވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރާ އެއްޗެއްގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީޤު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން މަޖިލިހަށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ އިއްޔެއެވެ.

އެގޮތުން އެ ބިލު ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 54 މެމްބަރުންގެ ތާއީދާއެކުއެވެ. އެ ބިލަށް ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.

މިއާއެކު މާދަމާއިން ފެށިގެން ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން މަނާވާއިރު، ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އެތަކެތީގެ ވިޔަފާރީ ރާއްޖޭގައި ކުރުމުގެ އިތުރުން އެ ތަކެތި އިޝްރިހާރުކުރުމާއި ބޭނުންކުރުން އަދި ހިލޭ ބެހުންވެސް މަނާވާނެއެވެ.

މި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް އަލަށް އިސްލާޙުކުރެވުނު ޤާނޫނުގައި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ.

އެއީ:

1- ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ

2- އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ

3- ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ

4- ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއް

5- ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މި ބިލުގައި ވަނީ ބުނެފައެވެ

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ބަދަލުގެނެސް، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ވަނީ މަތިކޮށްފައެވެ.

އެ ފިޔަވަޅުގެ ސަބަބުން ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-