ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިއްހީ ދާއިރާގައި ރާއްޖޭގައި ހިންގުނު އެންމެ ބޮޑު މަޝްރޫއުކަމަށްވާ، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމަށްފަހު އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އޭރު ވެރިކަން ކުރި މައި ޕާޓީ އެމްޑީޕީން އެ އިމާރާތަކީ ހޮހަޅައެއްގެ ގޮތުގައި ސިފަކޮށް އެތަނުގެ ބޭނުން އެދެވޭގޮތުގައި ހިފާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އެތަކެއް ސަބަބުތަކެއް ދެއްކުމަށް ފަހު އެ ހޮސްޕިޓަލުގެ ބައެއް ފަންގިފިލާތައް ބޭނުންކުރަންވެސް ފެށީ ހޮސްޕިޓަލު ރަސްމީކޮށް ނުހުޅުވައެވެ.
އެގޮތުން ގިނަ ދުވަސްވަންދެން ބޭނުން ނުކުރުގެ ސަބަބުން ވީރާނާ ވެފައިވާ މެޝިނަރީތައް މަރާމާތުކޮށް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށްފަހު ރޭ ވަނީ ރަސްމީކޮށް ހުޅުވައިފައެވެ.
އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ރޭ ރަސްމީކޮށް ހުޅުވި އިރު، އެތަނުގައި އަލަށް ފެށި ޚިދުމަތްތަކުގެ ތެރޭގައި ނެޝަނަލް ފާޓަލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް ހިމެނެއެވެ. އަދި އެ ހޮސްޕިޓަލުގެ އީއާރުއަކީ ކުޑަކުދިންނަށް ހާއްސަ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން ފާޓިލިޓީ ސެންޓަރު ޤާއިމުކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 22 ވަނަ ފަންގިފިލާގައެވެ. ހިތާއި ނާރުގެ ބަލިތަކަށް ހާއްސަ ހައިބްރިޑް ކެތު ލެބެއް 11 ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައި ހުރި އިރު، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވީ ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަވެގެންކަން ފާހަގަކޮށްލެވެއެވެ.