ހުކުރު ނަމާދު އިމާމުވެ ކުރާ ޚަޠީބުންނަށް ޖިންސާއި ޓީޝާޓު ލައިގެން ހުކުރު ނުކުރެވޭގޮތަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު އިސްލާޙުކޮށް އުސޫލު އެކުލަވައިލައިފިއެވެ.
އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވައިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރުކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އެކުލަވާލައި އާންމުކުރި މި އުސޫލުގައި، ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މިސްކިތްތަކަށް ހާޒިރުވުމުގައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމުގެ އިތުރުން މުޢާމަލާތު ކުރުމާއި އެހެން މީހުންނަށް ނަމޫނާ ބަޔަކަށްވުމުގެ އިތުރުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ވެސް އިމާމުންގެ ޤަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެކަމަށް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވަނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކާއި ޚިލާފަށް އެއްވެސް އަމަލެއް ނުހިންގުމާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އަދި ދީނީ ގޮތުން ޚިލާފު އުފެދޭ ކަންކަމުގައި އަމަލުކުރުމަށާއި އެ މިނިސްޓްރީން އެކުލަވައިލައިފައިވާ މިންގަނޑުތަކަށް ޢަމަލުކުރުމަށް އަންގައިފައެވެ.