ބާރު ދުވެލީގައި ރާއްޖޭގެ ކުޅިވަރު މައިދާނުގައި ފޯރި ހިފަމުން އަންނަ ހޭންޑްބޯލް ގެ ތެރެއަށް ތަޢާރަފް ކުރެވި މިފަހުން ފޯރީއާއެކު ކުޅެވެމުން އަންނަ ހޭންޑްބޯލް ބީޗް ޤައުމީ ޓީމެއް އެކުލަވާލުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މި މަހުގެ 9 ވަނަ ދުވަހު ހޭންޑް ބޯލް އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ބީޗް ހޭންޑްބޯލް ޓީމުގެ ސެލެކްޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުން މަތީގެ ހޭންޑްބޯލް ކުޅުންތެރިންނަށް ހުޅުވާލައިފައެވެ.
މިކަން ވެގެންދިޔައީ ރާއްޖޭގައި ބީޗް ހޭންޑްބޯލް ކުޅެމުން އަންނަ ގިނަ ކުޅުންތެރިން ކުރަމުން އައި އުއްމީދަށް ގެތުނު އިތުރު ބޮޅަކަށެވެ. ކުރިއަށް ދިއުމަށް ހުޅުވުނު ފަހި ދޮރަކަށެވެ. އެހެން ނަމަވެސް އިއުލާނުގައި ދެން އޮތް މައުލޫމާތުތަކާއެކު ގިނަ ކުޅުންތެރިން ކުރި އުއްމީދުތަކުގެ ދޮރު، ފަހިވި ބާރުމިނުގައި ލެއްޕި އެ ކުޅުންތެރިންގެ މޫނު މަތީގައި ޖެހިއްޖެއެވެ.
ރާއްޖޭގެ ޤައުމީ ފުރަތަމަ ބީޗް ހޭންޑް ބޯލް ޓީމުގެ ސެލެކްޝަން ހދ ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ނިންމާފައި އޮތް އޮތުން ވެގެން މިދިޔައީ ގިނަ ކުޅުންތެރިންތަކަކަށް ލިބުނު މާޔޫސްކަމަކަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެންތަކަށް އަނެއްކާވެސް އެޅުނު ހުރަހަކަށެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް މާލޭގައި ބާއްވާ ހޭންޑްބޯލް މުބާރާތްތަކުގައި މޮޅު ކުޅުމެއް ކުޅެމުން އަންނަ ކުޅުންތެރިއަކު ނިއުސް ލެބާއި ހިއްސާކުރި ގޮތުގައި، މިކަމުގެ ކަނބޮޑުވުންތައް އުފެދެނީ، ސެލެކްޝަން ކުޅުދުއްފުށީގައި އޮތުމުން ނޫނެވެ. އެހެން ނަމަވެސް ސެލެކްޝަނަށް ހޭދަވާ މުއްދަތާއި އެ މުއްދަތުގައި ކުޅުދުއްފުށި ކަހަލަ ރަށެއްގައި ގޮސް ހުރުމާއި ކެއުމާއި އެފަދަ ކަންކަމަށް ހިނގާ ޚަރަދުތަކުގެ އިތުރުން އެ ރަށަށް ދިއުމާއި އައުމުގެ ޚަރަދުތައް ބޮޑުވުމަކީ އެކަމުގެ އެންމެ ބޮޑު ހުރަސްކަމަށެވެ.
” އަޅުގަނޑުމެން ކޮމިއުނިޓީގެ ގިނަ ކުޅުންތެރިންގެ ރައްޓެއްސެއްގެ ހިސާބުވެސް އެރަށުގައި ނެތް، ހުރުމާއި ކެއުމަށްވެސް އެ މުއްދަތަށް އެބަ ހޭދަވޭ ޓިކެޓަށް ހޭދަވާ ބައިގެ ދެގުނަ އިތުރަށް، ކިހިނެތް އެފޯޑް ކުރާނީ” އެ ކުޅުންތެރިޔާ ހިއްސާކުރިއެވެ.
ބީޗް ހޭންޑްބޯޅަ ޓީމުގައި ބައިވެރިވާން ބޭނުންވާ އެހެން ކުޅުންތެރިއަކު ބުނެފައިވަނީ، ހަމައެކަނި ސެލެކްޝަންއަށް ވަޒީފާއިން ވީއްލައި ނުދޭނެ ކަމަށާއި މިހާރު ސެލެކްޝަނަށް އެންމެ މަދުވެގެން އެ ހޭދަވާ 1 މަސް ނުވަތަ 2 މަސްދުވަހުގެ މުއްދަތަށް ޗުއްޓީ ހޯދައިގެން ދިއުމަކީވެސް ނެތް ފުރުސަތެއް ކަމަށެވެ.
” ކިތަންމެ ދާން ބޭނުންވިޔަސް ވަޒީފާއިން ކެނޑިގެން ނެތް ދެވޭކަށް، ރާއްޖޭގެ ސްޕޯޓްސް އެންވަޔަރމަންޓް ބިލްޑްވެފަ އޮންނަނީ އެގޮތަށް ކުޅިވަރަށް އިންވެސްޓް ކުރެވޭގޮތަކަށް ނޫން ” އެ ކުޅުންތެރިޔާ ހިއްސާކުރިއެވެ.
އެސޯސިއޭޝަންގެ ބަސް:
މިކަމާއި ގުޅިގެން ނިއުސްލެބަށް މައުލޫމާތު ހިއްސާކުރަމުން ހޭންޑް ބޯލް އެސޯސިއޭޝަންގެ ރައީސް މުޖުތަބާ ވިދާޅުވީ، ޤައުމީ ބީޗް ހޭންޑްބޯލް ޓީމެއް އެކުލަވައިލަނީ ކުރިއަށް އޮތް ކޮމަން ވެލްތް ބީޗް ގޭމްސްއަށް ރާއްޖެއިން ޓީމެއް އެކުލަވައިލުމަށް ކަމަށާއި އެ ކަމަށްޓަކައި ބޭރުގެ ކޯޗެއް ގެނެސް ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
” ޓީމުގެ ތަމްރީނުތައް ދެ މަސްދުވަހަށް ކުރިއަށް ގެންދަނީ މި، އޭގެ ތެރެއިން 10 ވަރަކަށް ދުވަސް ތެރޭގައި ޓީމު އެކުލަވާލާނެ، ދެން ކުރިއަށްދާނީ ޓީމުގެ ތަމްރީނުތައް”- މުޖުތަބާ
މީގެ އިތުރުން ބީޗް ހޭންޑް ބޯލް ޓީމު އެކުލަވާލުން ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމާއި ގުޅިގެން މުޖުތަބާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޑަބްލިއު ސްޕޯޓްސްއާއި އެ އެސޯސިއޭޝަން ގުޅިގެން އެރަށުގައި ބީޗް ހޭންޑް ބޯލް މުބާރާތްތައް ބާއްވަމުން އަންނަތާ 6 ވަރަކަށް އަހަރުވެއްޖެ ކަމަށާއި، އެ މުބާރާތްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓީމުތައް އައިވެސް ކޮންމެ އަހަރަކުވެސް ބައިވެރިވާކަމަށެވެ.
ހަމައެޔާއެކު ހުރުމާއި ކެއުމުގެ ޚަރަދުތަކާއި ގުޅިގެން މުޖުތަބާ ވިދާޅުވީ، މާލޭގައި ސެލެކްޝަން ބޭއްވި ނަމަވެސް ކުޅުންތެރިން އެއަށް އައިސް ރައްޓެއްސެން ނުވަތަ ތިމާގެ މީހެއްގެ ކައިރީގައި ހުންނަ ބީދައިން ކުޅުދުއްފުށީގައިވެސް އެގޮތަށް ވާހަކަ ދައްކާލައިގެން އެކަންކަން ހަމަޖައްސައިދޭނެ ފަރާތްތައް ތިބި ކަމަށެވެ.
މީގެ އިތުރުން މުޖުތަބާ ވިދާޅުވީ، ކުޅުދުއްފުށީގައި ޓީމު އެކުލަވާލުން ކުރިއަށް ގެންދިއުމަށް ނިންމީ ވަރަށް ބޮޑު ސަބަބަކާއެކު ކަމަށާއި އެއީ މާލޭގައި ބީޗް ހޭންޑްބޯލް ކުޅޭނެ ތަނެއް ނެތުން ކަމަށެވެ.
” ބީޗް ހޭންޑް ބޯލް ކުޅެވޭނީ ވަކި ވަރަކަށް ފުރޭނި ވަކި މިންގަނޑުތަކަކަށް ފެތޭ ވެލި ޕިޗެއްގައި، އެކަހަލަ ތަނެއް ނެތް މާލޭގައެއް، އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން މާލޭގައި ކޯޓެއް އަޅާނެ ތަނެއް ހޯދަން، އެޗްޑީސީގައިވެސް އެތައް ފަހަރަކު އެދުނިން، ތަނެއް ނުލިބުން، އެކަމަކު ކުޅުދުއްފުށިގައި އެބަ އޮތް އެ ފެންވަރަށް ތައްޔާރުކޮށްފައި އޮތް ދެ ކޯޓް، އަނެއްކާ މުބާރާތްތަކަށް ކައިރިވީމާ ސިޓީ ކައުންސިލުން އެތަންތަން އެބަ ރިޕެއަރ ކުރޭ، އެހެންވީމަ މިކަން ކުރަން ބަލާއިރު މިކަން ކުރެވެންވެސް އަންނާނީ ވަސީލަތްތައް އޮތް ތަނެއްގައި ނޫންތޯ ” މުޖުތަބާ
މިއީ އެސޯސިއޭޝަންގެ ބަހެވެ. އެހެން ނަމަވެސް ނިއުސްލެބާއި ވާހަކަ ދެއްކި ހުރިހާ ކުޅުންތެރިންވެސް ބުނެފައިވަނީ، އެސޯސިއޭޝަނުން ގެޒެޓްކުރި އިއުލާނުގައި ސެލެކްޝަން އޮންނަ ތަން ފިޔަވައި އިތުރު މައުލޫމާތެއް ނެތް ކަމަށެވެ. އަދި އެ އިއުލާނުގައިވާ ނަމްބަރަށް ގުޅުމުން މައުލޫމާތު ދީފައިވާގޮތުގައި، އަނިޔާގެ މައްސަލަތައް ދިމާވެދާނެ ކަމަށް ބަލައި ބޮޑު ސްކޮޑެއް ނަގައިގެން 2 ވަރަކަށް މަސް ވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމުގައެވެ.
މިކަމާއި ގުޅިގެން ނިއުސްލެބުން ބެލި ބެލުމުން ކުޅުދުއްފުށީގައި ދުވަހު ކުއްޔަށްދޭ ތަންތަން އާންމުގޮތެއްގައި ހުރީ ދުވާލަކަށް 450 – 600 ދެމެދުގެ އަގުތަކެއްގައެވެ. އަދި މާލެއިން ކުޅުދުއްފުށްޓާއި ދެމެދު ވައިގެ ދަތުރުތަކުގެ ޓިކެޓްތައް ހުރީ ކޮޅަކަށް 1،400 ރުފިޔާއިން މަތީގައެވެ.
ކުޅުންތެރިންގެ ކަންބޮޑުވުން:
މި ކަންބޮޑުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި ހޭންޑްބޯލް ކުޅޭ 10 ވަރަކަށް ކުޅުންތެރިން (ބީޗް ހޭންޑްބޯލް ޤައުމީ ޓީމުގެ ސްލެކްޝަނަށް ޝައުޤުވެރިކަން ހުރި) ވަނީ އެކުޅުންތެރިންގެ ޝުޢޫރުތައް ނިއުސްލެބާއި ޙިއްސާކޮށްފައެވެ.
ހުރިހާ ކުޅުންތެރިންގެ ވެސް މައިގަނޑު ކަނބޮޑުވުމަކީ، މިފަދަ ސެލެކްޝަނެއް މާލެއާއި ދުރު ސަރަޙައްދެއްގައި ބާއްވާއިރު، އެތަނަށް ގޮސް އެފަދަ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް އަތުން ހޭދަވާ ހޭދަވުން ބޮޑެވެ.
” އެކޮމޮޑޭޝަނާއި ޓިކެޓަށް އެބަދޭ ބޮޑު އެއްޗެއް، އެސޯސިއޭޝަނުންވެސް އަދި އެއްވެސް ތަނަކުންވެސް މިކަމަށް އެހީތެރިކަމެއް ފޯރުކޮށްދޭކަށް ނެތް، އަޅުގަނޑުމެން ގުޅިން އެ ރަށުގައިވެސް އެކަމުގަ އުޅޭ މީހުންނަށް، އެމީހުން ބުނަނީ އެކަހަލަ އިންތިޒާމެއް އެރަށުގެ ކުޅުންތެރިންނަށް ފައިދާ ނުވާ ގޮތަކަށް ހަމަ ނުޖެއްސޭނެޔޭ “- ކުޅުންތެރިއެއް
ކަން މިހެން އޮތުމުން ގިނަ ކުޅުންތެރިން ދެކޭ ގޮތުގައި މިފަދަ ފުރުސަތަކަށް ލިބެން ޖެހޭ އެންމެ ހަމަހަމަ ފުރުސަތު ގިނަ ކުޅުންތެރިންނަށް ގެއްލެނީކަމުގައެވެ. އަދި ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑް ބޯޅައިގެ ކޮތަންމެ ބޮޑު މުބާރާތްތަކެއް ބޭއްވިކަމުގައި ވިޔަސް، ޤައުމީ ފެންވަރުގެ ޓީމެއް އެކުލަވާލުމުގެ އިންތިޒާމު އެކުލެވިގެން އަންނަންވާނީ ގިނަ ބަޔަކަށް އެކަމުގައި ބައިވެރިވެވޭ ހަމަ ހަމަ އިންތިޒާމުތަކެއް އޮންނާނެ ތަނެއްގައިކަމަށް ގިނަ ކުޅުންތެރިން ދެކެއެވެ.
” ކޮންމެހެނެއް ވިޔަސް އެންމެ ބޮޑު ޕްލެޔަރ ބޭސްއެއް އޮތީ މިތަނުގައި، މާލޭގައި، ދަތިގޮތަކަށް ހަމަ ޖައްސައިގެން ވިޔަސް ބައިވެރިވުމުގެ ފުރުސަތުވެސް އޮތީ މިތަނުގައި، މިސާލަކަށް ކޮންމެ މީހެއްގެވެސް ރައްޓެއްސެއް ނުވަތަ އާއިލާ މީހެއް ހުންނާނެ މާލޭގައި، ކުޑަ އެއްޗެއް ދީގެން މި މުއްދަތުގައި މާލޭގައި މަޑުކޮށްލުމާ ނުދަންނަ ރަށަކަށް ގޮސް މިކަން ކުރުމަށް ސްޓްރަގްލް ކުރުމާ ކޮމްޕެއަރ އެއް ނުކުރެވޭނެ” ސެލެކްޝަނަށް ޝައުޤުވެރިކަން ހުރި އެހެން ކުޅުންތެރިއަކު ހިއްސާކުރިއެވެ.
އަނެއްކަކަމަށް ކުޅުންތެރިން ފާހަގަކުރީ އެސޯސިއޭޝަނުން ކުޅުދުއްފުށީ ސިޓީގެ ފަރާތްތަކާއި ގުޅިގެން އެ ސެލެކްޝަންގައި ބައިވެރިވާ ކުޅުންތެރިންނަށް ކޮންމެވެސް ކަހަލަ ލުޔެއް ހޯދައި ދިނުމެވެ. ހުރެލާނެ ތަނެއްނަމަވެސް މިކަމުގައި ކުޅުންތެރިންނަށް އެންމެ ރަނގަޅެވެ. އޭރުންވެސް އަތުން ކުރަން ޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމްތަކުރެވި މިކަމަށް އޮތް ތަކުލީފަށް ލުޔެއް ލިބުނީކަމުގައި ކުޅުންތެރިން ދެކެއެވެ.
ވަސީލަތްތަކުގެ މައްސަލަ:
މާލެ ސަރަހައްދުގައި ބީޗް ހޭންޑް ބޯލް ކުޅޭނެ ވަސީލަތްތައް ނެތުމަކީ މި ސެލެކްޝަން ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް އޮތް ހުއްޖަތެއް ގޮތުގައި ނުދެއްކޭނެ ކަމަށް ގިނަ ކުޅުންތެރިން ތަކެއް ބުނެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ހޭންޑް ބޯލްކުޅެމުން އަންނަ ޓީމެއްކަމަށްވާ ” ބޮންތި ސްޕޯޓްސް ކްލަބު” އިން ހާމަކުރި ގޮތުގައި އެ ކްލަބްގެ ފަރާތުން ހުޅުމާލޭ ރުއްގަނޑުގައި ދޮން ފަސް އަޅައި ބީޗް ހޭންޑް ބޯލްގެ މިންތަކަށް ފެތޭ ކޯޓެއް ހަދައިގެން އެފަދަ މުބާރާތެއް ދެ ފަހަރު ވަނީ ބާއްވާފައެވެ. ގިނަ ޓީމުތަކެއް ބައިވެރިވެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.
” ކުރަން އުޅުނީމަ ކުރެވޭނެ، އެއީ ޤައުމީ އެސޯސިއޭޝަނެއް، އަހަރުމެން މީ ކްލަބެއް، ދާއިމީ ކޯޓެއް އަޅަން ބިމެއް ނެތަސް މިފަދަ ފަރިތަކުރުމަކަށް ކޯޓެއް އަޅާނެ ތަނެއް ހަމަޖެހޭނެ އެ ބޭފުޅުން އުޅުނީމަ”- ބޮންތި ސްޕޯޓްސް ކްލަބް
ބީޗް ހޭންޑް ބޯލް މުބާރާތައް ރާއްޖޭގައި ބާއްވަމުން އަންނަނީ ކުޅުދުއްފުށީގައި އެކަންޏެއް ނޫނެވެ. ދ ކުޑަހުވަދޫގައިވެސް ޖުމުލަ 4 މުބާރާތް މިހާތަނަށް ބާއްވާފައިވާއިރު، އޭގެ ތެރެއިން 2 މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މުބާރާތްތަކަކެއްކަން ކުޅުންތެރިން ފާހަގަކުރެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބީޗް ހޭންޑްބޯޅަ މުބާރާތްވެސް ބާއްވައިފައިވަނީ، 2018 ވަނަ އަހަރު އޮރީކްސް އިން ތިންތިޒާމުކޮށްގެން މާލޭގައިކަމަށާއި ޓީވައިއީގެ ފަރާތުންވެސް އިންތިޒާމުކޮށްގެން މިދަފަ މުބާރާތެއް އަދި ޔޫތް ޑޭ ފާހަގަކުރުމަށްވެސް މާލޭގައި ބީޗް ހޭންޑްބޯލް މުބާރާތެއް ބޭއްވިކަން ކުޅުންތެރިން ފާހަގަކުރެއެވެ. ވުމާއެކު މި ފަދައިން ކަން އޮއްވާ މާލެ ސަރަހައްދު ނޫން އެހެން ތަނެއްގައި މިކަން ކުރިއަށް ގެންދަން އެސޯސިއޭޝަނުން މިފަދައިން ބާރުއަޅަމުންދާ މަޤްސަދާއިމެދު ގިނަ ކުޅުންތެރިންތަކެއް ސުވާލު އުފައްދައިފައެވެ.
ކޮންމެއަކަސް ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ކުރި އަރަމުން އަންނަ މިފަދަ ޖަރީރާ ވަންތަ ކުޅިވަރަކުން އުފެދުނު މި ކަންބޮޑުވުން މިވީ ހައްސާސް މައްސަލައަކަށެވެ. ގިނަ ކުޅުންތެރިތަކެއްގެ އުއްމީދާއި ހުވަފެންތަކާއި ގުޅިފައިވާ މިފަދަ ކަންކަމަކީ ހަމަ ޔަޤީނުންވެސް ކޮންމެ ތަނެއްގައި ކޮންމެ ސިފައެއްގައި ކޮންމެ ގޮތަކަށް ބޭއްވި ކަމުގައިވީ ނަމަވެސް ހަމަ ހަމަ ފުރުސަތުތައް ފަހިވަންޖެހޭ ފުރުސަތުތަކެއްކަމުގައި ޔަގީނެވެ. ރާއްޖެ ފަދަ ކުޅިވަރުގައި ކުރިއަރަމުން އަންނަ ކުޑަ ޤައުމެއްގައި މިފަދަ ހަނި ފުރުސަތުތަކަށްވެސް ކުޅުންތެރިން ގަނަ ތެޅުމަކީ މިކަން އޮވެގެންވާނެ އުސޫލުކަމުގައި އެކެއްވެސް ނުދެކޭނެއެވެ.