-Advertisement-

-Advertisement-

ފްލެޓް ލިސްޓް އާންމުކުރުން ލަސްވެ، އާންމުން ހައުސިންގް މިނިސްޓްރީ ތެރެއަށް!

ފުލެޓު ލިސްޓު ނުނެރެ ލަސްވާތީ އާންމުން ހައުސިން މިނިސްޓްރީއަށް ވަދެ، މުޖާހަރާ ކުރާ މަންޒަރު- ފޮޓޯ/ ސަން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 400 ފްލެޓް ލިބޭ ފަރާތްތަކުގެ ނަންތައް އިއުލާނުކުރުން ލަސްވެ، ދިގުލައިގެން ދިއުމުގެ ސަބަބުން އާންމުން ހައުސިން މިނިސްޓްރީ ތެރެއަށް ވަދެ، މުޒާހަރާކޮށްފިއެވެ.

ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ލިސްޓަކީ ބޭއިންސާފުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފައެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ.

އެގޮތުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށްވެސް ކަނޑައަޅައިފައެވެ.

އެގޮތުން ހައުސިންމް މިނިސްޓްރީން ބުނީ އެ 4000 ފްލެޓަށް އެދި ހުށަހެޅި  20،697 އެޕްލިކޭޝަން ފޯމް އަލުން މުރާޖަޢާކުރަމުން އަންނަ ކަމަށާއި އެ މަސައްކަތަށް އިތުރު މުއްދަތު އަދިވެސް ބޭނުންވާކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރު އައި ފަހުންވެސް އެ ލިސްޓް އާންމުކުރާނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ވަނީ އެކި ފަހަރުމަތިން މުއްދަތުތަކެއް ދީފައެވެ.

އެގޮތުން އެންމެފަހުން އެ މިނިސްޓްރީން އެ ލިސްޓް އާންމުކުރުމަށް ދިން ތާރީޚް މިދިޔަ ހަފްތާގެ ނިޔަލަށް ހަމަވިފަހުން ހައުސިންގް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްލެޓް ލިސްޓް ރިވިއުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެކަމަށް އަދިވެސް އިތުރު ވަގުތު ބޭނުންވާކަމަށެވެ.

އެކަމާ ނުރުހުން ފާޅުކޮށް، ފުލެޓު ލިސްޓު ލަސްވާ މައްސަލާގައި އާންމުން ވަނީ ހައުސިން މިނިސްޓްރީ ތެރެއަށް މިއަދުގެ މެންދުރު ފަހު ވަދެ، މުޒާހަރާކޮށްފައެވެ. އަދި މިނިސްޓްރީ ބޭރުގައި ވެސް އަޑުގަދަކޮށްފައިވެއެވެ.

އާންމުން އެ ސަރަހައްދުގައި އަޑުގަދަކުރާތީ ފުލުހުން ވެސް އެ ސަރަހައްދަށް އައިސްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-