ކުރިއަށް އޮތް ރޯދަމަހު ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދެއްވުމަށް ނިންމަވައި ރައީސް އެކަން އިއުލާނުކުރައްވައިފިއެވެ.
މިކަން އިއުލާނުކުރައްވައި ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި ރޯދަ މަހުގައި ގޭބިސީތަކަށް ހަދިޔާކުރި ކާޑުގެ ބާވަތްތަކުގެ ބަދަލުގައި ކުރިއަށް އޮތް ރޯދަ މަހު ހަދިޔާކުރެއްވުމަށް ނިންމަވައިފައިވަނީ މަސްދަޅު ކޭހެއް ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ، ސަރުކާރުގެ ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އަލި އަޅުއްވާލައިފައެވެ.
އެގޮތުން މި އަހަރުގެ ރޯދަމަހު މުޅި ރާއްޖޭގެ ޖުމުލަ 82 ހާސް ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ފޯރުކޮށްދެވުނު ކަމަށާއި އެ މަސައްކަތުގެ ދަށުން ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރެވުނުކަން ފާހަގަކުރެއްވިއެވެ.
ރޯދަ މަހާއި ދިމާކޮށް ސަރުކާރުގެ ފަރާތުން ގޭބިސީތަކަށް މިފަދައިން ހަދިޔާއެއް ދިނުމަށް ނިންމައި އެކަން ފުރަތަމަ ފަހަރަށް ފެށީ މި ސަރުކާރުގައިކަން ފާހަގަކޮށްލެވެއެވެ.