ރައީސް ޑރ މުޙައްމަދު މުއިއްޒު ދައްކަވަނީ އެމަނިކުފާނުގެ އިސްކޮޅަށް ވުރެ ބޮޑެތި ވާހަކަތައް ކަމުގައި ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުޤައްޔޫމް ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ވަކި އަދަދަކުން ޑޮލަރު މަރުކަޒީ ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް އެމްއެމްއޭއިން އެކުލަވާލި ޤަވާއިދާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ، ޕީއެންއެފުން ކުރިޔަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އެމްއެމްއޭއަކީ މުސްތަޤިއްލު މުއައްސަސާއެއް ކަމަށާއި އެ ބޭންކުގެ ޤަވާއިދުތައް ބަދަލުކުރުމާ ނުކުރުމަކީ އެމަނިކުފާނަށް ބާރު ފޯރުވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެ ޤަވާއިދާއި ގުޅިގެން ރައީސް ދައްކަވަމުން އަންނަނީ އެ މަނިކުފާނުގެ އިސްކޮޅަށްވުރެ ބޮޑެތި ވާހަކަފުޅުތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެގޮތުން އެމްއެމްއޭއަކީ މުސްތަޤިއްލު ވަކި ޤާނޫނީ ޝަޚުސެއްކަން ފާހަގަ ކުރައްވައި ޔާމީން ވަނީ، އެ ބޭންކްގެ ނިންމުންތަކާއި ޤަވާއިދުތަކަށް ބަސްބުނެ ސަރުކާރަށް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކަކީ އެ މަނިކުފާނަށް ސީދާ ބާރުނުލިބޭ ކަމެއްގެ ތެރެއަށް “އަތްބާނާ” އުޅުއްވުން ކަމުގައި ސިފަކުރައްވައިފައެވެ.
“އެހެންވީމާ މިއިން މި ދައްކައިދެނީ މިއީ ގާނޫނީ ކަންތައްތަކަށް އެއްވެސް ކަހަލަ ގާނޫނީ ލަފައެއް ހޯއްދެވުމެއް ނެތި، ހަމަ ވަރަށް އޮޓޮކްރެޓިކްކޮށް (ކަންކުރައްވާތަން) – ޔާމީން
މީގެ އިތުރުން އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޔާމީން ވަނީ، ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ޑޮލަރުގެ ދަތިކަން ކުރިމަތިވެފައި އޮތީ ސަރުކާރުން ބޭކާރު ޚަރަދުތައް ކުރުމުގެ ސަބަބުން ކަމަށެވެ. އޭގެ ތެރެއިން ވަކިން ޚާއްސަ ބޭކާރު ޚަރަދެއްގެ ގޮތުގައި ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ބޮޑެތި ވަފުދުތަކާއެކު ބޭރު ޤައުމުތަކަށް ވަޑައިގަތުން ވަނީ ޔާމީން ފާހަގަކުރައްވައިފައެވެ.
އަދި މިފަދަ ކަންކަމާއި ގުޅިގެން ގަވަރުނަރަށް ސަރުކާރަށް މާލީ އިރުޝާދުތައް ދެއްވަން ކެރިވަޑައިނުގަންނަވާ ސަބަބާއި މެދު ސުވާލު އުފައްދަވައި ޔާމީން ވަނީ، އެކަން އެހެން އޮވެ ރައްޔިތުންގެ ކަންކަން ނުކުރެވިގެން އުޅެނީ ޓޫރިޒަމް އިންޑަސްޓްރީން ފައިސާ ނުލިބިގެން ކަމަށް ސަރުކާރުން ދައްކަން އުޅެނީ ކީއްވެގެންތޯވެސް ސަރުކާރާ ސުވާލު ކުރައްވާފައެވެ.
އެމްއެމްއޭގެ ޤަވާއިދުގެ ދަށުން ޓޫރިސްޓު ރިސޯޓުތަކުން ކޮންމެ މަހެއްގެ ތެރޭ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު މާރުކުރަން މަޖުބޫރުވާނެއެވެ.
މި ޤަވާއިދާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތައް ކަންބޮޑުވުން ފާޅުކޮށް އެ ނިންމުން ބަދަލުކުރަން ގޮވާލަމުން ދަނިކޮށް، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ހަރުއަޑުން އެ ނިންމުން ބަދަލުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.