އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި ބޭން ކުރުމަށް ކެބިނެޓުން ނިންމައި އެކަން ކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ހުށަހެޅުމުގެ މިސްރާބު ބަދަލުވެ މެމްބަރުންގެ ރާގު ބަދަލުވާން ފަށައިފިއެވެ.
އިސްރާއީލް ޕާސްޕޯޓް ބޭން ކުރުމުގެ މަސައްކަތް ދިގުލައި ލަސްވަމުން ދިއުމާއި ގުޅިގެން އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޤަރާރަށް މިއަދު މަޖިލިހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގައި ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯދާވާ ޤައުމަކުން އިސްރާއީލާއި ދެކޮޅަށް އެފަދަ ނިންމުމެއް ނިންމައިފި ނަމަ، އިސްރާއީލަށް ވާގިވެރިވާ ޤައުމުތަކުން އެކަމާއި ދެކޮޅަށް ފިޔަވަޅެއް ނެގުމަކީ އެކަށީގެން ވާ ކަމެއް ކަމަށެވެ.
އެހެންކަމުން އެ ވަރުގެ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ކަމާ ގުޅޭ ހުރިހާ ވުޒާރާތަކާއި ސްޓޭކްހޯލްޑަރުންނާއި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
މި ޤަރާރަށް ބަހުސް ކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، ރާއްޖެއަށްވުރެ ހުރިހާ ގޮތަކުންވެސް ފަލަސްޠީނާއި ގުޅުން ބޮޑީ އަރަބިން ކަމަށާއި އެހެންކަމުން ރާއްޖެއަށް ވުރެ މާ މުއްސަނދި، މާ ފުދުންތެރި، އަފި ފަލަސްތީނު ރައްޔިތުންނާ އެހާ ގާތް ބަޔަކު ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭ ވެސް ވިސްނަންޖެހޭނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ޙާލަތު މިއަދު އޮތީ އެހެން ޤައުމަކާއި ޖައްސާލައިގެން އުޅެވޭ ގޮތަކަށް ނޫންކަމުގައި ސައުދުﷲ ވިދާޅުވިއެވެ.
ބަހުސްގެ ވަގުތުގައި ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، މި ބިލާއި ގުޅިގެން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ކަމަށާއި އެމްޑީޕީއަކީ އިސްރާއީލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނެސް އެކި ކަންކޮޅުތަކަށް ގެންދިޔަ ބައެއް ކަމުގައެވެ.
އެގޮތުން ޕާސްޕޯޓު އެ ޤައުމުގެ ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައި، އިމިގްރޭޝަން ޤާނޫނަށް އިސްލާހެއް ގެނެސް އެކަން ކުރާނެ ފުރުސަތު އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިހެއްގައި ނުކޮށް މިއަދު އެކަން ކުރަން އުޅެނީ މާ ބޮޑަށް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނަށް މާ ހެޔޮ އެދޭ، މާ ރަނގަޅު މުސްލިމު ބަޔަކުކަން ދެއްކެންވެގެން ކަމުގައި މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެ ކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ.
އަދި އެކަން ނިންމައި އިއުލާނުކުރުމާއެކު އެކަން ވެގެން ދިޔައީ ބޭރު ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަންވެސް ލިބިގެން ދިޔަ ނިންމުމަކަށެވެ.
ޕީއެންސީގެ ވެސް ފުރިހަމަ ތާއީދާ އެކު، އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ.
އޭރު ސަރުކާރު މެންބަރުން ވެސް އެ ކަމަށް ތާއީދުކުރެއްވި ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ކޮމިޓީގައި އެ ބިލު އޮތީ ތާށިވެފައެވެ.
އެ ކަމާ ނުރުހުން ފާޅުކުރައްވާ އެމްޑީޕީން ކުއްލި މައްސަލަ ވެސް އެކި ފަހަރުމަތިން ހުށަހެޅިއެވެ. އަދި، ލަސްވާ ސަބަބު ސާފުކުރެއްވުމަށް މެންބަރު މީކާއިލް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސީޓީއެއް ވެސް ފޮނުއްވިއެވެ.