އިސްރާއީލް ޕާސްޕޯޓް ރާއްޖޭގައި ބޭން ކުރުމުގެ މަސައްކަތް ވީ އިބިލީހުގެ ކައިވެންޏަށް ވީ ވަރުކަމުގައި، ދީނީ ހޭލުންތެރިކަން ފެތުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ އަދި މި ސަރުކާރު ގެނައުމުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ކަންކަމަށް މީގެ ކުރިން ފާޑު ވިދާޅުނުވި ނަމަވެސް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ރަމީޒްވަނީ އިސްރާއީލް ޕާސްޕޯޓް ބޭން ކުރުމަށް މިވީ އިބިލީހުގެ ކައިވެންޏަށް ވީ ވަރު ކަމުގައި ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަލީ ރަމީޒް މިފަދައިން ވިދާޅުމިވީ، ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީ މަރުޙަލާގައި އޮތް އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް އަވަސްކުރުމަށް އެމްޑީޕީން ހުށަހެޅި ޤަރާރު ބަލައި ނުގަތުމަށް ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރުމާއި ގުޅިގެން އެކަމަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ. ޕީއެންސީގެ ވެސް ފުރިހަމަ ތާއީދާ އެކު، އޭރު އެ ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ.
ކޮމިޓީއަށް މި މައްސަލަ ފުރަތަމަ އެޖެންޑާކުރީ މި މަހު 12 ގައެވެ. ނަމަވެސް، އެ ދުވަހު ކޮމިޓީން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ މަސައްކަތް ދަންމާލާށެވެ.
އިއްޔެގެ ޤަރާރު ބޭރުކުރުމާއި ގުޅިގެން ރޭ ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއިލް ޕާސްޕޯޓް ބޭން ކުރުމުގެ މަސައްކަތް އެމްޑީޕީން ކުރަމުން އަންނަނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ.