ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 57 ފަރާތަކަށް ދީ އެ ފަރާތްތަކުގެ ނަންތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ލިސްޓުގައި 4 ފަހަރެއްގެ މަތިން އެ ވުޒާރާއިން، ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް ހުޅުވާލައި ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހުއްދަ ދިން ފަރާތްތަކުގެ ނަންތައް ވަނީ އިއުލާނުކޮށްފައެވެ.
އެއީ ޖުމުލަ 57 ފަރާތަކެވެ.
މި ލިސްޓް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ރާއްޖޭގައި އާންމުކޮށް މީހުން އުމްރާއަށް ގޮސް އުޅެނީ ރޯދަ މަހުއެވެ. އެހެން ނަމަވެސް އެހެން މަސް މަހުވެސް އުމްރާއަށް މީހުން ގޮސް އުޅެއެވެ.
މިގޮތަށް ޢުމްރާއަށް މީހުން ގެންދާ ފަރާތްތަކުގެ ތެރެއިން އެކި އެކި އިންތިޒާމީ މައްސަލަތަކާއި ތަފާތު އިހުމާލުތައް ވެގެން ބައެއް ކުންފުނިތަކުގެ މައްސަލަތައްވެސް ފެންމަތިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އެފަދަ ފަރާތްތަކުގެ މައްސަލަ ބަލައި އެ ކުންފުނިތަކަށް ދީފައިވާ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ބާޠިލްކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.