ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށް ދާން ފަށައިފިއެވެ.
އެގޮތުން އެ ޕާޓީން ހާމަކުރިގޮތުގައި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން، ގއ، ގދ، ލ، ތ، މ، ދ، އއ، ކ، ބ، ރ، ނ، ޅ، ށ، އދ، ސ، ޏ، ހއ އަދި ހދ އަތޮޅުގެ ރަށްތަކުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް ކުރިއަށް ދާނެއެވެ.
އެގޮތުން އެ ޕާޓީން އިތުރުށް ހާމަކުރިގޮތުގައި ރަށްރަށުގައި ވޯޓުލުން ކުރިއަށް ދާނީ އެރަށެއްގެ ސުކޫލު އިމާރާތުގައި ކަމަށާއި، އަދި މާލޭގައި ވޯޓުލުން ކުރިއަށް ދާނީ ދަރުބާރުގޭގައި ކަމަށެވެ.
މި އިންތިޚާބުގެ މިއަދު ކުރިއަށް ދާ ވޯޓުން އެ ޕާޓީގެ އެތެރޭގެ 59 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު ދާއިރާތަކަށް ކުރިމަތިލުމަށް ހުލުވާލި ފުރުސަތުގައި އިންތިޚާބަކަށް ނުގޮސް 32 ދާއިރާއެއްގެ މަޤާމުތަކަށް މެމްބަރުން ހޮވިފައިވާކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު ބާއްވާނެކަން އެ ޕާޓީގެ ފަރާތުން އިއުލާނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެންމެ ފުރަތަމަ އެ ޕާޓީން އިއުލާނުކުރީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. ނަމަވެސް މި ތާރީޚު ވަނީ ދެފަހަރެއްގެ މަތިން ފަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ފަހަރު އިންތިޚާބު ފަސްކޮށްފައިވަނީ އެކަމަށް އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އެދެމުން ދިއުމާއި ގުޅިގެން ކަމަށް ޕީއެންސީން ބުނި އިރު ދެވަނަ ފަހަރަށް އިންތިޚާބު ފަސްކުރީ މި އަހަރުގެ ޖުމްހޫރީ ދުވަސް ހޯމަ ދުވަހަކާއި ދިމާވުމާ ގުޅިގެން އެ ހަފްތާގެ އަދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވުމުން، އެ ހަފްތާ ބަންދު ދިގު ޗުއްޓީއަކަށް ވުމާއި ގުޅިގެން ކަމަށްވެސް ޕީއެންސީން އޭރު ހާމަކުރިއެވެ.