ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ނެތް ކަމަށާއި އެ ފުރުސަތު ލިބުނުކަމުގައިވެސް އެކަމުން ސަލާމަތްވެ ވަޑައިގަންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރިއަށް ދިޔަ ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ފަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުރަހީމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުން ދުވަހަކުވެސް ނުގެންގުޅޭ ކަމަށެވެ.
މީގެ އިތުރުން 2028 ވަނަ އަހަރުގެ ރިޔާސީ އަންތިޚާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ މުޙައްމަދު މުޢިއްޒަށް ލިބިލައްވާނީ ޕްރައިމަރީއަކާއި ނުލައި ކަމަށާއި އެމަނިކުފާނު ދެވަނަ ދައުރެއް ބޭނުންފުޅުވެއްލައްވާ ނަމަ އެ ޓިކެޓް އެމަނިކުފާނަށް ލިބިލައްވާނެ ކަމުގައި އަބްދުރަހީމް ވިދާޅުވިއެވެ.
އެގޮތުން އެ ޕާޓީ އަސާސީ ޤަވާއިދު ބުނަނީ، ހިނގަމުން އަންނަ ވެރިކަމުގައި އެ ޕާޓީގެ މެމްބަރަކު ރައީސްގެ މަގާމުގައި ހުންނެވި ނަމަ އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އަބްދުރަހީމް ވަނީ ވިދާޅުވެފައެވެ.
ވުމާއެކު އެ އުސޫލުން ބަލާނަމަ 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށާއި މިއީ ޕީއެންސީގެ ޕްރައިމަރީއެއް ބާއްވަން ޖެހޭ ޙާލަތެއް ނޫންކަމުގައި އަބްދުރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ރައީސަކަށް ރައީސް ޑރ. މުއިއްޒު ހެއްދެވުމަށް މަސައްކަތް ކުރައްވާކަން ހާމަކުރައްވައި އަބްދުރަހީމް ވިދާޅުވީ، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދުގައި ރައީސް ޑރ. މުއިއްޒު އަދި ވަކި އެއްޗެއް ވިދާޅުނުވާ ކަމަށާއި އެކަމާ ބެހޭ ވާހަކަތައް ކުރިއަށް ނުދާ ކަމަށެވެ.
އިއްޔެގެ އިންތިޚާބުގައި އެ ޕާޓީގެ އެތެރޭގެ 59 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކޮށްފައިވާއިރު ދާއިރާތަކަށް ކުރިމަތިލުމަށް ހުލުވާލި ފުރުސަތުގައި އިންތިޚާބަކަށް ނުގޮސް 32 ދާއިރާއެއްގެ މަޤާމުތަކަށް މެމްބަރުން ހޮވިފައިވާކަމަށްވެސް އެ ޕާޓީން ބުނެއެވެ.