ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ، ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުންދާ ބިދޭސީން އަތުލައިގަތުމަށް އެ އިދާރާގެ ފަރާތުން މި މަހުގެ ތެރޭގައި އެކި ފަހަރުމަތިން ހިންގުނު އޮޕަރޭޝަން ތަކެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން ޖުމުލަ 5 މައްސަލައެއްގައި ހަރަކާތްތެރިވި 5 ބިދޭސީ އަންހެނުންނާއި އެމީހުންގެ އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވި ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ އަތުލައިގެނެވުނު މީހުންގެ މައްސަލަ ތަހުގީގުކުރުމަށްފަހު އޭގެ ތެރެއިން އެއް އަންހެނަކު ޑީޕޯޓްކޮށްލައިފައިވާކަމަށެވެ.
އަދި ދެން ތިބި މީހުންވެސް ޑީޕޯޓް ކުރުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުން އަންނަ ކަމުގައި އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީން އަތުލައިގަނެ އެމީހުންގެ މައްސަލަ ތަހުގީގުކޮށް އެ ފަރާތްތައް ޑީޕޯޓްކުރަމުން އަންނަ އިރު ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި ވަނީ، ޤަވާއިދާއި ޚިލާފަށް އުޅެމުން އައި 5000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފައެވެ.