ދިވެހިރާއްޖެއިން ތައިލޭންޑަށް ކަނޑައަޅުއްވާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ރައީސް ފުއާދު ތައުފީޤު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ރައީސްގެ ފަރާތުން ފޮނުވި ސިޓީފުޅުގައި ވަނީ، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށް ޓަކައި ކިންގްޑަމް އޮފް ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މައްޗަންގޯޅި، ތަޅަމުދިގޭ، ފުއާދު ތައުފީގް އައްޔަން ކުރާތީ އެބޭފުޅާ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ މަޝްވަރާ ހޯދައިދެއްވައި މަޖިލީހުގެ ނިންމުން އަންގަވައިދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.
ފޮރިން ސާސިވްސް ގާނޫނުގެ 14 ވަނަ މާއްދާގެ މަތިން ރައްޔިތުންގެ މަޖިލިހަށް ރައީސް ފުއާދުގެ ނަންފުޅު ފޮނުއްވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ފުއާދު ވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2009ގެ ސެޕްޓެމްބަރާ ހަމައަށް އީސީގެ މެންބަރުކަން، އަދި ސެޕްޓެމްބަރު 2009 އިން ފެށިގެން މާޗު 2014 އާ ހަމައަށް އީސީގެ ރައީސްކަން ކުރައްވައިފައެވެ.
އެފަހުން 2019 ވަނަ އަހަރުގެ ނޮވެމްބަރު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރުމަށްފަހު 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ފުއާދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން އަދާކުރައްވައިފައެވެ.