މީހެއްގެ މުއްދަލަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ޝަރީޢަތަށް ހާޒިރުނުކުރެވިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މި މައްސައާއި ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ކޯޓަށް ހާޒިރުކުރުމަށް ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ، ޅ. ކުރެންދޫ، އޯޒޯން، އުމުރުން 39 އަހަރުގެ މުޙައްމަދު އަޙްމަދެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅުގެން ބަންދުގައި ބަހައްޓައިގެން 2024 ނޮވެންބަރު 28 ވަނަ ދުވަހު ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް މުހައްމަދު އަހްމަދު ހާޒިރުކޮށްދިނުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވާކަމަށެވެ.
ވުމާއެކު މުޙައްމަދު އަޙްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ޝަރީޢަތްތަކަށް ހާޒިރު ނުވެގެންނާއި އެކި އެކި މައްސަލަތަކުގެ ތަޙުޤީގުތަކަށް ހާޒިރު ނުކުރެވިގެން މީހުން ހޯދުމަށް ފުލުހުން ދޭތެރެ ދޭތެރެއިން އިއުލާނުކުރެއެވެ.