އިސްރާއީލުގެ ޕާސްޕޯޓް މަނާކުރާއިރު އެ ޤައުމުގެ ސިފައިންވެސް ނުހިމެނޭހެން ހަމައެކަނި އެ ޤައުމުގެ ވެރިންގެ ޕާސްޕޯޓް މަނާކުރުމަށް ތާއީދުކަމުގައި ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އިން ބުނެއްޖެއެވެ.
އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭހެން އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ބިލާއި ގުޅުގެން މަޖިލިހުގެ 241 ކޮމެޓީގައި ކުރިއަށް ދިރާސާ މަރުޙަލާގައި ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ ލަފާހޯދުމުގެ ގޮތުން ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ އިސްވެރިން ވަނީ ހާޒިރުކޮށްފައެވެ.
އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެންއެޗްގޭމްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވީ، އިޒްރޭލުގައި އުސޫލުތައް އޮންނަ ގޮތުން ކޮންމެ ޔަހޫދީއަކަށް ވެސް އެ ޕާސްޕޯޓު ހޯދުމުގެ ފުރުސަތު އޮވެ އެވެ. އެހެންވެ ޔޫރަޕާއި އެމެރިކާގެ ގިނަ މީހުން އަތުގައި ވެސް އެ ޕާސްޕޯޓު އޮންނަ ކަމަށެވެ.
އެގޮތުން އެ ޖަމިއްޔާއިން ތާއީދު ކުރަނީ އިޒްރާއިލް ސިފައިންވެސް ނުހިމެނޭ ގޮތަށް ހަމައެކަނި އިޒްރޭލް ވެރިން ރާއްޖެ އައުން މަނާ ކުރާ ގޮތަށްކަމުގައި ވަހީދު ވިދާޅުވިއެވެ.
އެންއެޗްގޭމްގެ ފައިނޭންޝަލް ކޮންޓްރޯލާ ހަސަން އަލި މަނިކު ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓު އޮތް އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދާ ނަމަ، ފަތުރުވެރިކަމުގެ ސިނާއަތަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮންލައިން ޕްލެޓްފޯމްތަކުގެ މައިގަނޑު ހިއްސާ އޮންނަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ބައެއްގެ އަތުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އިސްރާއީލްގެ 10،380 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. މި އަހަރު ރާއްޖެ އައިސްފައިވަނީ 1،200 ފަތުރުވެރިންނެވެ.
އިސްރާއީލު ޕާސްޕޯޓް ބޭން ކުރުމުގެ މަސައްކަތް ލަސްވެ މި މައްސަލަ ހައްސާސް މައްސަލައަކަށް ވެފައި ވާއިރު މަޖިލިހުގެ 241 ކޮމެޓީން ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިސްރާއީލް ޕާސްޕޯޓް ބޭން ކުރުމުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފައެވެ.