-Advertisement-

-Advertisement-

ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބާޠިލްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު. ފޮޓޯ: ރާއްޖެ އެމްވީ

އެންޓި ޑިފެކްޝަން ޤާނޫނަށް ބަދަލު ގެނެސް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުތައް ބާޠިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި  ދުސްތޫރީ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ.

ޤާނޫނުއަސާސީއަށް 6 ވަނަ އިސްލާޙު ގެނެސްފައިވަނީ ޤާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާއި ޚިލާފަށް އަދި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ޚިލާފަށްކަމަށް ބުނެ އެ އިސްލާޙު ބަޠިލްކޮށްދިނުމަށް އެދި އެ ކޯޓަށް ހުށަހެޅީ، ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު  އަލީ ހުސެއިނެވެ.

މި މަހުގެ 24 ވަނަ ދުވަހު ހުށަހެޅި މި މައްސަލަ ސުޕްރީމްކޯޓުން ބަލައިގެންފައި ވާއިރު، ފާހަގަކޮށްލަން ޖެހެނީ އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން އެ މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް ނިންމައި ހުށަހަޅައިފައިވާކަމެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގައި ފާސްކޮށް ރައީސް ތަސްދީގު ކުރެއްވި މި އިސްލާޙުގައި ވާގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މެމްބަރަކު، އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން އިންތިހާބުވި މެމްބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ މަޖިލިހުގެ މެމްބަރަކު، އެ މެމްބަރަކު މަޖިލިހުގެ އުމުރުގެ ތެރޭގައި ތަމްސީލް ކުރައްވާ ޕާޓީން އަމިއްލަ އަށް ވަކިވެވަޑައިގަތުން ނޫނީ ޕާޓީން ވަކި ކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމަށް މި އިސްލާޣުގައި ވަނީ ކަނޑައަޅައިފައެވެ.

ހަމައެޔާއެކު މި އިސްލާޙުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް އިތުރަށް ފުޅާކޮށް ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް ކަނޑައަޅައިފައި ވާއިރު، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިސްލާޙުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ހުއްދަ ލިބިގެން ކަމުގައި ކަނޑައެޅިފައި ވެއެވެ.

ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ނިންމާލީ އެއް ދުވަސްތެރޭގައެވެ. ބިލުގެ ފުރަތަމަ ކިއުން އިއްވީ ވެސް ބުދަ ދުވަހެވެ. އަދި ގަޑިއިރެއްހާ އިރު ބަހުސް ކުރުމަށް ފަހު ބިލް ބަލައިގަނެ، ކޮމިޓީއަށް ފޮނުވިއެވެ. ބައެއް އިސްލާހުތަކާ އެކުގައި ބިލް އަލުން މަޖިލިހުގެ ތަޅުމަށް ފޮނުވާލިއެވެ. އެ ދުވަހު ހަވީރު ބޭއްވި ޖަލްސާގައި ބިލް ފާސްކުރީ 78 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ ބިލާ ދެކޮޅަށް 13 މެމްބަރުން ވޯޓު ދެއްވިއެވެ.

މިހާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަވަސް އަވަސް އަރުވާލައިގެން މިފަދަ ބޮޑު ޤާނޫނަކަށް ސަރުކާރުން އިސްލާހު ގެނައުމާއި ގުޅިގެން ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ބޭފުޅުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ޤާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި އިސްލާހާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިސްލާޙުތަކެއްކަމަށާއި، މި އިސްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-