އަނިޔާގެ ޝިކާރައަށްވާ ކުދިންނާއި އެކި އެކި މައްސަލަތަކުގެ ތުހުމަތުގައި ޝާމިލްވާ ކުދިންގެ މައުލޫމާތު އާންމު ނުކުރަން ޖެންޑާ މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން އަނިޔާގެ ޝިކާރައަކަށްވާ ކުދިންގެ ޒާތީ މައުލޫމަތު ދެނެގަނެވޭނެފަދަ މައުލޫމާތުތަކާއި މައްސަލަތަކާއި ގުޅުވާ ކުޑަކުދިންގެ ފޮޓޯ އާންމެ ކުރަމުންދާކަން ފާހަގަވަމުން އަންނަ ކަމަށެވެ.
އެގޮތުން އެކަންކަމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވުމާއި ޚިލާފުކަމެއް ކަމަށްވުމާއެކު އެފަދަ މަޢުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރުމަށެވެ.
އެގޮތުން އެއްވެސް މައްސަލައެއްގައި ޝާމިލްވާ ކުއްޖަކާއި ގުޅިގެން އެ ކުދިންގެ ނަން، އެޑްރެސް، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތު ނުވަތަ އެކުދިންގެ ތަސްވީރު، ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނޭ ފަދަ އެއްވެސް މައުލޫމާތެއް މީޑީއާގައި ނުވަތަ އެނޫން ވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން މިފަދައިން އާންމުކުރެވޭ މައުލޫމާތު ތަކުގެ ސަބަބުން އެފަދަ މައްސަލަތަކުގައި ހިމެނޭ ކުދިން ދެނެގަނެ އެކަމުގެ ސަބަބުން އެ ކުދިންނަށް ނަފްސާނީ ގޮތުން ލިބެމުން އަންނަ ގެއްލުންތަކަކީ އެ މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމެއް ކަން ފާހަގަކޮށް އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯތަކެއް ދައުރު ނުކުރުމަށެވެ.
މީގެއިތުރުން ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގޭނަމަ ލަސްނުކޮށް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް ހެލްޕްލައިން 1412 އަށް ގުޅާ ރިޕޯޓް ކުރުމަށް ވެސް އެ މިނިސްޓްރީން އެދެއެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި އަދިވެސް އެފަދަ އިހުމާލީ އެތައް މައްސަލައެއް ފުލުހުންނަށް ހުށަހެޅޭ އިރު އެފަދަ މައްސަލަތަކުގައި އެކުދިންގެ ކަރާމާތަށް ބުރޫ އަރާފާނެކަމަށް ބަލައި އެ ކުދިންގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.