ޞިއްޙީ ޙާލުކޮޅު ތަން ނުދިނުމުގެ ސަބަބުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ޑރ. އައިޝަތު ރަމީލާގެ ހީވާގިކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ތަޢުރީފު ކުރައްވައިފިއެވެ.
އެގޮތުން ރައީސް ވިދާޅުވީ، ޑރ. އައިޝަތު ރަމީލާ ފަދަ ހީވާގި އަމާންތެރި ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެގޮތުން ރައީސް ވަނީ އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރުގެ ހައިސިއްޔަތުން، ރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި ރަމީލާއަށް ޝުކުރު ދަންނަވައިފައެވެ.
ހަމައެޔާއެކު ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން އެކަމަނާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުޢާ ދަންނަވައިފައެވެ.
ޑރ. އައިޝަތު ރަމީލާ އެގްރިކަލްޗަރ މިނިސްޓަރކަމުން އިސްތިޢުފާ ދެއްވީ މިއަދުއެވެ.