ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެ ކުންފުނިން ވިއްކާ ތެލުން ވައްކަންކޮށް ފައިސާ ލޯންޑަރ ކުރާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ތަޙުޤީގު ކުރަން ފަށައިފިއެވެ.
މިކަން ހާމަކުރައްވައި ހޯމް މިނިސްޓަރު އަލީ އިހުސާން އެކެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް ކުންފުނީގެ ފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން މިހާރު ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި ތަޙުޤީގުގެ ތެރެއިން މިހާތަނަށް 10 މީހަކާއި ދެ ގެއެއްގެ އިތުރު ތެޔޮ އުފުލާ ދެ ބާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި ތަޙުޤީގުތަކުން މިހާތަނަށް މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާކަމަށްވެސް މިނިސްޓަރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ހަމައެޔާއެކު މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަޙުޤީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް ހިންގުނު ހަރުދަނާ ކުރުމަށް އެޅި މުހިއްމު ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ތެޔޮ ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި، އެފްއެސްއެމް ވަނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސައިފައެވެ.