މަސްވެރިކަން ކުރިއަރުވައި ޒަމާނީ ވަސީލަތްކުގެ އެހީގައި ދާއިރާއަށް ގެނެވިދާނެ ތަރައްޤީއާއި ގުޅޭގޮތުން ރައީސް ޑރ މުޙައްމަދު މުޢިއްޒު ކެޔޮޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ކެޔޮޅުންވަނީ މަސްވެރިކަމުގެ ދާއިރާގައި މަސްވެރިންނަށް ހުރި ގޮންޖެހުންތަކާއި އެ ފަރާތްތަކުގެ ކަންބޮޑުވުން ހިއްސާކުރައްވައިފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ކެޔޮޅުން ފާހަގަކުރި ބައެއް ކަންތައްތަކުގެ ތެރޭގައި ކިރާ މަހަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ހުރި ދަތިކަމާއި ތެޔޮ ލިބުމުގެ ދަތިކަމުގެ އިތުރުން މަސްކިރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ރައީސް ވެ ވަޑައިގެންނެވި ވައުދުފުޅުތައް ފުރިހަމަކޮށް ދިނުމަށް މަސައްކަތް ކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދި މަސްވެރިން ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް، މަހުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ރައީސާއި މަޝްވަރާ ކުރައްވައިފައެވެ.
އެގޮތުން މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޚާއްސަ ސަމާލުކަމެއް ދީގެ ބައްލަވާނެކަމުގެ ޔަޤީންކަން އަރުވައި ރައީސް ވަނީ، ސަރުކާރުން މަސްވެރިންނާ ގާތުން އެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދެއްކުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މި ސަރުކާރުން ވެރިކަމަށްވެސް އައީ މަސްވެރިންނަށް ޚާއްސަ ސަމާލުކަމެއް ދީގެ އެ ދާއިރާއަށް ލިބިފައިވާ ނިކަމެތި ކަމަށް ޙައްލު ހޯދައިދިނުމަށް ގިނަ ވަޢުދުތަކެއް ވެގެންނެވެ.