މާލޭ އާޓިފިޝަލް ބީޗް ސަރައްހައްދުގައި އިއްޔެ ހަވީރު ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީއެއް ހިނގައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުކުރ ދުވަހު ހަވީރު އާޓިފިޝަލް ބީޗްގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަހައްދުގައ މާރާމާރީ ހިނގައި އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރި ބިދޭސީން ހޯދައި އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.
މި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯތަކުން ގިނަ އަދަދެއްގެ ބިދޭސީންތަކެއް މާރާމާރީ ހިންގާތަން ފެނެއެވެ. މި ވީޑީއޯ ހިއްސާކޮށް ބައެއް ފަރާތްތަކުން ބުނެފައިވަނީ، ކުޑަކުދިންނާއި އާންމުން އެއްވާ ވަގުތުތަކުގެ ކޮންމެ ހުކުރު ދުވަހަކުވެސް އެތަނުގައި ބިދޭސީން ހަމަނުޖެހުން ހިންގާ ކަމަށެވެ.
އާޓިފިޝަލް ބީޗަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުން ހަވީރު ވަގުތުތަކުގައި އެއްވާ ސަރަހައްދަކަށް ވާއިރު ހަފްތާ ބަންދުތަކުގައި އެތަނަށް ގިނަ އަދަދެއްގެ ބިދޭސީންވެސް އެއްވެ ވަގުތު ހޭދަކުރާކަން ފާހަގަކުރެވެއެވެ.