އިންޑިއާގެ ޤައުމީ އެއާލައިން، އެއަރ އިންޑިޔާއިން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ސީދާ ދަތުރުތައް ބާއްވާ ގޮތަށް ނިންމައި ދަތުރުތައް ފަށައިފިއެވެ.
އިންޑިއާގެ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިޔާއާއި ރާއްޖެއާއި ދެމެދުގެ އުދުހުންތައް ލުއި ފަސޭހަކުރުމުގެ ގޮތުން ދިއްލީ އާއި މުމްބާއީއިން މާލެއަށް އަލަށް ފްލައިޓްތައް ފެށުމަށް ބޭނުންވާކަމަށެވެ.
އެގޮތުން ދިއްލީއިން ރާއްޖެ އަންނަ ފްލައިޓް ފުރާނީ ހެނދުނު 10:15 (ފްލައިޓް އޭއައި 2273) ގައި ކަމަށާއި މާލެ އަންނާނީ މެންދުރު ފަހު 1:50 ގައި (4 ގަޑިއިރު) ކަމަށާއި ރިޓާން ފްލައިޓް، އޭއައި 2274، މެންދުރު ފަހު 2:50 ގައި މާލެއިން ފުރައިގެން ދިއްލީއަށް ޖައްސާނީ ރޭގަނޑު 7:25 ގައި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
އަދޮ މުމްބާއީއިން ފުރާ ފްލައިޓް އޭއައި 2271 ހެނދުނު 9:30 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، އެނބުރި ދާ ފްލައިޓް، އޭއައި 2272، ރާއްޖެއިން ފުރާނީ މެންދުރު 12:50 ގައެވެ.
ގިނަ ދިވެހިން އެކި ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާއިރު، ރާއްޖެއަކީ އިންޑިއާ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ޒިޔަރާތް ކުރާ ޤައުމެކެވެ.
މިވަގުތު އިންޑިއާ އުޅެނީ ރާއްޖޭގެ ހަވަނަ މާކެޓުގެ ގޮތުގައެވެ. އެ ޤައުމުން މިއަހަރު މިހާތަނަށް 115،011 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.