މާފަންނު މަދަރުސާގައި މިހާރު ހުންނަ ހޯލް އެ ސްކޫލްގެ 3 ވަނަ ފްލޯގައި ހުންނާތީ، އެ ސްކޫލު ކުދިންގެ މާމަމެން އަދި ކާފަމެންނަށް އެތަނުގައި އޮންނަ ރަސްމިޔާތުތަކުގައި ބައިވެރި ނުވެވޭތީ އެކަމަށް ޙައްލެއް ގަނައުމުގެ ގޮތުން އަންނަ އަހަރު އެ ސްކޫލުގެ ގްރައުންޑް ފްލޯގައި ހޯލެއް ތަރައްޤީކޮށްދެއްވާ ކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު އެ ސްކޫލުގައި ބޭއްވި ރައީސް ޝަރަފްވެރިކޮށްދެއްވި ރަސްމިޔާތު ހުށަހެޅި ސް ސްކޫލުގެ ތުއްތު ދެ ދަރިވަރުން ވަނީ، ސްކޫލުގެ ހޯލު އެހާ މަތީގައި ހޯލު ހުރުމުން އެ ކުދީންގެ މާމަމެންނާއި ކާފަމެންފަދަ ދުވަސްވީ މީހުންނަށް ސްކޫލުގައި ބާއްވާ ރަސްމިޔާތުތަކުގައި ބައިވެރިނުވެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމާ ހިތާމަކުރާ ކަމުގައި ބުނެފައެވެ.
އިއްޔެގެ ރަސްމިޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިސްރަށްވެހިންނަށް ވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، 2025 ވަނަ އަހަރުގެ ތެރޭގައި، ސްކޫލުގެ ގްރައުންޑް ފްލޯގައި، ހޯލެއް ތަރައްގީ ކޮށްދެއްވާނެ ކަމުގައެވެ.
މާފަންނު މަދަރުސާގެ 40 އަހަރު ދުވަހުގެ މުއްދަތުގައި އެ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށްވެސް ހަނދާނީ ފިލާ އެރުވި މި ރަސްމިޔާތުގައި ރައީސް އިތުރަށް ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަކީ އެހެން ކުދިންނެކޭ އެއްފަދައިން، ސްކޫލު މާހައުލުގައި ޝާމިލުވާ ދަރިވަރުން ކަމުގައި ކަށަވަރު ކުރުމަށްޓަކައި އެ ރޮނގުން މުދައްރިސުން ބިނާކޮށް ތަމްރީނު ދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
1984 ވަނަ އަހަރު ހުޅުވި މާފަންނު މަދަރުސާއަކީ ޕްރި ސްކޫލުން ފެށިގެން ގރ 6 އާއި ހަމައަށް ކިޔަވައިދިނުމަށް ހުޅުވި ސްކޫލެކެވެ. އޭގެ ފަހުން 2016 ވަނަ އަހަރާއި ހަމައަށް ގްރޭޑް 10 އާއި ހަމައަށްވެސް އެ ސްކޫލުގައި ކިޔަވައިދިނުމަށްފަހު އެ އަހަރުން ފެށިގެން މާފަންނު މަދަރުސާއަކީ ޕްރީސްކޫލު ތަޢުލީމަށް ޚާއްސަ މަދަރުސާއަކަށް ބަދަލުކުރިއެވެ.