ކުރީގެ ރައީސް އަމީނަށް ހެދި ގޮތް ރައީސް މުއިއްޒަށް ހެދުމަށް އެމްޑީޕީގެ ޖަލްސާގައި އެ ޕާޓީގެ އެކްޓިވިސްޓަކު ގޮވާލި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މި މައްސަލަ މަޖިލިހަށް ބަލައިގަތުމަށް ފެންނަ ކަމަށް 44 މެމްބަރުން ވޯޓުދެއްވި އިރު އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 8 މެމްބަރުން އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެކިއެކި ޕޯޑިއަމްތަކުގައި އެމްޑީޕީން ވާހަކަދައްކަމުންދާކަމަށާއި ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ނުސީދާކޮށް ނަމަވެސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި އަދި އެފަދަ އަމަލެއްކުރުން ޤާނޫނުގެ ދަށުން މަނާވާނެކަމަށެވެ.
އަދި އެފަދަ ވާހަކައެއް ފެތުރުމަކީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވަން ކުރާ ކަމެއް ކަމަށް އެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު އާންމުންގެ ތެރެއިން ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށާއި އެހެން މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ އެ އަމަލު، ކުށްވެރިކުރައްވާކަމަށް އެ މައްސަލައިގައިވެއެވެ.
އެއާއެކު އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކަމާ ގުޅުން ހުރި އިދާރާތަކުން ތަހުގީގުކުރުމަށް މެންބަރު މުފީދު ވަނީ ގޮވައިލައްވައިފައެވެ.
އެމްޑީޕީގެ އެކްޓިވިސްޓަކު އަމީނަށް ހެދި ގޮތް ރައީސް މުއިއްޒަށް ހެދުމަށް ގޮވާލި މައްސަލައިގައި އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެވާހަކަ ދިފާއުކޮށް ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތްކަމުގައި ވިދާޅުވެފައެވެ.
އަމީން އަވަހާރަވީ ދޫނިދޫގައި ބަންދުކޮށްފައި ހުއްޓާ މާލެ ވަޑައިގެން ބަޣާވާތްކުރައްވަން އުޅުއްވި ކަމަށް ތުހުމަތުކޮށް ހަވަރު އެއްކޮށް، އަމީނަށް ދިން އަނިޔާވެރި ބޮޑެތި އަނިޔާތަކަށް ފަހުގައެވެ.