-Advertisement-

-Advertisement-

އެމްޑީޕީން މަސައްކަތް ކުރަނީ މަގުމަތިން ސަރުކާރު ވައްޓާލަން – ފަލާޙް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް

އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަނީ މަގުމަތިން ސަރުކާރު ވައްޓާލުމަށް ކަމުގައި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ތުޙުމަތު ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަމީނަށް ހެދި ގޮތް ރައީސް މުޢިއްޒުއަށް ހެއްދެވުމަށް އެމްޑީޕީގެ އެކްޓިވިސްޓަކު ގޮވާލައިފައިވަނިކޮށް އެކަން ދިފާޢުކުރައްވައި އެ ޕާޓީގެ ޗެއަރ ޕާސަން ފައްޔާޒް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި މިއަދު ބަހުސް ކުރައްވަމުން ފަލާޙް ވިދާޅުވީ، އެމްޑީޕީގެ ނޫން އެހެން ޕާޓީއެއް ވިޔަސް، އަދި އެ ނޫން ކޮންމެ ރައްޔިތެއް ވިޔަސް  އެފަދަ ވާހަކަތަކަކީ ބަލައި ނުގަނެވޭނެ ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީއަކީ އެ ޕާޓީގެ ތެރެއިން ވެރިކަންކޮށްފައި ހުރި ވެރިއަކު އަވަހާރަކޮށްލަން މަސައްކަތްކުރި ޕާޓީއެއް ކަމަށް ވިދާޅުވެ ފަލާޙުވަނީ، އެމްޑީޕީއަކީ މެއި 2023 މެއި ގައި ރައީސް ނަޝީދުއަށްވެސް އަމާޒުކުރައްވައިވެސް ޙަމަލާދިން ޕާޓީއެއް ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނިމުމާއި ގުޅިގެން މުޅި ޤައުމުގެ އެތަން މިތަނު ހުޅުޖަހައި އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން ޤައުމަށް ދިން ޕާޓީއެއްގެ ގޮތުގައި ފަލާޙް ވަނީ އެމްޑީޕީ ސިފަކުރައްވައިފައެވެ.

އެގޮތުން އެމްޑީޕީގެ އާންމު ރައްޔިތުން ލައްވާ އެފަދަ ވާހަކަތައް ފެތުރުމަކީ އެމްޑީޕީގެ ލީޑަޝިޕުން ކުރާ ނުބައި އަމަލެއްކަމަށާއި އެކަންކަމުގެ ސަބަބުން އާންމު މެމްބަރުންވެސް ޖަލަށް ދާން ޖެހުން އެކަށީގެ ވާކަމަށެވެ.

ފަލާހު ވަނީ ފައްޔާޒު ދެއްކެވި ވާހަކަ ކަމާބެހޭ އިދާރާތަކުން ބަލާ ތަޙުޤީގުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މިހާ ސީރިއަސް މައްސަލައެއްގައި އެގޮތަށް ކުއްލި މައްސަލައެއް ހުށަހަޅައިގެން ބަހުސްކުރުމުން އަދި ނުފުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެފަދަ މައްސަލައެއް ބަލަން ޖެހޭނީ މީހަކަށް ބަޑިޖަހައި، މަރާލައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީމައިތޯ ވެސް ފަލާހު ވަނީ ސުވާލު އުފައްދަވައިފައެވެ.

އެމްޑީޕީއިން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ “އަނިޔާވެރިވެއްޖެ ނަމަ އަނިޔާވެރިވާނެ” ކަމަށް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-