ހައުސިންގ މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުންދާތީ ސެ ތަނާއިކައިރި ސަރަހައްދުގެ ގެތަކުގައި އުޅޭ 50 މީހަކު ވަގުތީގޮތުން ސޯޝަލް ސެންޓަރަށް ގެންގޮއްސިއެވެ.
ދައުލަތުގެ ބައެއް ވުޒާރާތަކާއި ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ހުންނަ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެ ސަރަހައްދުގައި ދުން ބޯވަމުން ދާތީ ކައިރީ ގެތަގައި އުޅޭ މީހުން އެތަންތަނުން ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ފަށައިފައެވެ.
އެގޮތުން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ދުމުގެ އަސަރު ކުރާ ހުރިހާ ތަނަކުން މީހުން އިވެކުއޭޓް ކުރުމަށް ޓަކައި ސޯޝަލް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ޤާއިމްކުރެވިފައިވާނެ ކަމަށާއި ދުމުގެ އަސަރުކުރާ ހުރިހާ ފަރާތްތަކުން އެތަނަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން އެ ތަނުގައި އެންޑީއެމްއޭއާއި ދިވެހި ރެޑް ކްރެސެންޓާއި އެ ނޫން ވެސް ފަރާތްތައް މިހާރު ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަކުރައްވައި ހިސާން ވިދާޅުވި، އެ އިވެކުއޭޝަން ސެންޓަރުން އެންޑީއެމްއޭއާއި އެހެން މުއައްސަސާތަކާ ގުޅިގެން އެ މީހުންނަށް ކެއިންބެއުމާއި ނަފުސާނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
މިހާތަނަށް ލިބުނު މަޢުލޫމާތު ތަކުން ޖުމުލަ 50 މީހަކު އެ ސެންޓަރަށް ދިއުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވައި ހިސާން އިތުރަށް ވިދާޅުވީ، ދުމުގެ އަސަރުކޮށްގެން ގެތަކުން ނުކުންނަން ޖެހިފައިވާ މީހުންގެ ސީދާ އަދަދު ޔަޤީން ނުވާ ކަމަށެވެ.
ހަމައެޔާއެކު ގެތަަކަށް އަލުން މީހުން ދާން ރައްކާތެރިތޯ ބެލުމަށް އެސެސްމެންޓުތަކެއް ހަދަމުން އަންނަ ކަމަށާއި އެސެސްމެންޓުތަކުން، ގޭގައި ތިބުން ރައްކާތެރި ނޫން ކަމަށް ބެލެވޭ މީހުންނަށް އެހެނިހެން ގޮތްގޮތުން ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމުގައި ހިސާން ވިދާޅުވިއެވެ.
ގްރީން ބިލްޑިންގުގައި ރޯވި އަލިފާންގަނޑާއެކު މިހާރު އެ އިމާރާތް ބޭނުންނުކުރެވޭ ވަނީ އަނދައި ހުލިވެފައެވެ. އަދި އެ ސަރަހައްދު ބަންދުކޮށް، ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން އަދިވެސް އަންނަނީ ކުރަމުންނެވެ.