ޒަރޫރީ ބޭނުމެއްގައި މެނުވީ އަލިފާން ރޯވެ އަނދަމުންދާ ގްރީން ބިލްޑިންގ ސަރަހައްދަށް ނުދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިއަދު ހެނދުނު ހައުސިންގް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެ ސަރަހައްދުގައި ދުން ބޯވަމުން އަންނާތީ އެކަމާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަމިއްލަ ރައްކާތެރިކަމަށްޓަކައި ދުމުގެ އަސަރު ކުރާ ސަރަހައްދަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށެވެ.
ޚާއްސަކޮށް ނޭވާލާ ނިޒާމް އަދި ދުމުގެ އަސަރު ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެނޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށާއި އަދި ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުމާއި ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ސިއްހީ އެހީތެރިކަން ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެ ސަރަހައްދަށް ދާނަމަ އަނގައާއި ނޭފަތް ފޮރުވޭނެހެން މާސްކް އެޅުމަށާއި ކައިރީ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ދުން ނުވަންނާނެހެން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކުރުމަށް ވެސް އެޗްޕީއޭގެ ޕޯސްޓްގައި ވަނީ އިލްތިމާސްކޮށްފައެވެ.
އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ ޖުމުލަ 50 ފަރާތަަކަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ވަނީ ސޯޝަލް ސެންޓަރުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެގޮތުން ސޯޝަލް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ޤާއިމްކޮށްފައި ވާނެ ކަމަށާއި ދުމުގެ އަސަރުކުރާ ފަރާތްތަކުން އިވެކުއޭޝަން ސެންޓަރަށް ދިއުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.