ދައުލަތުގެ މީޑިޔާ، ޕީއެސްއެމުން ގެނެސްދިން ލައިވް ކޮންޓެންޓަކުން ޤުރުއާނުގެ ބައެއް އުނިކޮށް ގެނެސްދެވުމުން އެ ކުންފުނީގެ ފަރާތުން އެކަމަށް މަޢާފަށް އެދިއްޖެއެވެ.
ޕީއެސްއެމްއިން މިއަދު އާންމުކުރި ވީޑިއޯއެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު ސައީދު ވިދާޅުވީ، ޕީއެސްއެމުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ގުރުއާންގެ ބައެއް އުނިވެފައިވާކަން އެ ކުންފުނީގެ ސަމާލުކަމަށް އައުމާއެކު އެކަން ސީރިއަށް މައްސަލައެއްގެ ގޮތުގައި އެ ކުންފުނީގެ އިސް ފަރާތްތައް ހިމެނޭ ކޮމެޓީއަކުން ބަލައިފައިވާކަމަށެވެ.
އެގޮތުން ބެލި ބެލުމުން އެ ކޮންެޓެންޓަށް އެހެން މެދުވެރިވީ އެޑިޓަކުން ނޫންކަން އެނގިފައިވާކަން ހާމަކޮށް ސައީދު ވިދާޅުވީ، ޤުރްރާނުގެ އާޔަތެއް އުނިވުމަށް މެދުވެރިވީ، ކޮންޓެންޓް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގައި ކަމަށެވެ.
ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއްގެ ސިގްނަލް އެއް ކޮންޓްރޯލްރޫމުން އަނެއް ކޮންޓްރޯލްރޫމަށް ސިގްނަލް ބަދަލުކުރުމަކީ އާއްމުގޮތެއްގައި ކުރާކަމެއް. އެހެން ނަމަވެސް އެފަދަ ހާލަތްތަކުގަ ސިގްނަލް ބަދަލުކުރާއިރު މީހަކު ވާހަކަ ދައްކާ ގަޑިއެއްގައެއް ނޫން. ވަގުތެއްގައި ސިގްނަލް ބަދަލެއް ނުކުރޭ – ސައީދު
އެހެން ނަމަވެސް އެ ކޮންޓެންޓް އެއް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކޮށްފައިވަނީ ލައިވްގައި ޤުރްއާން ކިޔަވަމުން ދިޔަ ވަގުތުގައި ކަމަށާއި އެހެންވުމުގެ ސަބަބުން ގެނެސްދިން ކޮންޓެންޓުން ޤުރްއާނުގެ ބައެއް އުނިކޮށް އައީ ކަމުގައި ސަޢީދު ވިދާޅުވިއެވެ.
އަދި މި މައްސަލަ ބެލުމަށްފަހު އެކަމާ ގުޅިގެން އިހުމާލުވި މުވައްޒަފުން މިހާރު މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ވިދާޅުވި ސައީދު އިތުރަށް ވިދާޅުވީ އެއްމައްސަލަ ދިމާވީ އެޑިޓް ކުރުމުންތޯ ބައްލަވައިދެއްވުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޕީއެސްއެމްގެ ފަރާތުން މިހާރު ސިޓީއެއްވެސް ފޮނުވައިފައި ވާނެ ކަމަށެވެ.
މިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޖަލްސާއެއް ފެށުމަށް ޤުރުއާން ކިޔެވިއިރު ޖަލްސާގެ ލައިވުން ބައެއް އުނިވެ ޤުރްއާނުގެ ބައެއް ނުލައި ލައިވް ވަނީ ދައްކައިފައެވެ.
އެހެންވެ، އެ މައްސަލައިގައި މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައި، ބަހުސްކުރިއެވެ.