އަމީނީ މަގު ދިވެހިރާއްޖޭގެ އަޑުގެ ކުރިމައްޗަށް ވާހެން ހުންނަ ހައުސިންގް މިނިސްޓްރީއާއި ސަރުކާރުގެ އެހެނިހެން ގިނަ އިދާރާތަކެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތުގައި ކުރަމުން އައި ހައުސިންގް މިނިސްޓްރީގެ މަސައްކަތްތައް އާދީއްތަ ދުވަހުން ފެށިގެން ދަރުބާރުގޭގައި ފެށުމަށް ތައްޔާރިވެއްޖެއެވެ.
މިކަން ހާމަކޮށް ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ، އެ ހަދިސާގައި އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ނެތިގޮއްސައިވާކަމަށާއި އެ މިނިސްޓްރީގެ ސަރވަރ ވެސް އެއްކޮށް ހަލާކުވެފައިވާކަމަށެވެ.
އެހެން ނަމަވެސް ފްލެޓް ލިސްޓާއި، މަޝްރޫއުތަކާއި ގުޅޭ މުހިންމު މައުލޫމާތު ރައްކާ ކުރެވިފައިވާކަމަށާއި އެތަކެތި ރައްކާކޮށްފައި ހުންނަނީ މިނިސްޓްރީގެ ކަލައުޑްއެއްގައި ކަމަށް ހައިދަރު ވިދާޅުވިއެވެ.
ނަސީބަކުން އަޅުގަނޑުމެން ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތަކާއި ގެދޮރުވެރިކަމުގެ މަޝްރޫއާއި ބިންވެރިކަމުގެ ހުރިހާ މަޝްރޫއެއްގެ މައުލޫމާތެއް ރައްކާކުރަމުންދިޔައީ ކްލައުޑުގައި. އެހެންވީމަ ސާވާއަށް ގެއްލުން ލިބުނަސް އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބެން ހުންނާނެ ކްލައުޑުން، އެއީ އަޅުގަނޑުމެންނަށް ދުރަށް ވިސްނާފައި ކުރެވުނު މަސައްކަތެއް – ހައިދަރު
މި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ދަފްތަރާއި ގުޅޭ ގިނަ ލިޔެކިޔުންތަކެއްވެސް ވަނީ ހަލާކުވެފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިންވެސް ބައެއް ލިޔެކިޔުންތައް ސަލާމަތްކުރެވުނު ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ނަރީޝް ވަނީ ވިދާޅުވެފައެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން ޖުމުލަ ތިން ވުޒާރާއެއްގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ރައީސް ރޭ ވަނީ ދަރުބާރުގެޔަށް ވަޑައިގެން އެ މަސައްކަތްތެއް ކުރިއަށް ދާ ގޮތް ބައްލަވާލައްވައި، އެ ކަމުގައި ޚިޔާލުދެއްވައި ބައިވެރިވެ ވަޑައިގެންފައެވެ.