ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިތުުރުން ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމުގެ ގޮތުން ރައީސް ފެށްޓެވި ދަތުރުފުޅުގެ ތެރެއިން އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން އ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ކައުންސިލްތަކާއި ބައްދަލުކުރެއްވުމުގެ ސިލްސިލާގެ ތެރެއިން އެކި އެކި ސަބަބުތަކާ ހުރެ މިހާތަނަށްބައްދަލު ނުކުރެވި ބާކީ ދެން އޮތީ އެންމެ 4 ކައުންސިލާއި ކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ހަތަރު ކައުންސިލާއި ބައްދަލުކުރެއްވުމުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރެވުނީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއަށްފަހު ރާއްޖޭގައި އެމަނިކުފާނު ވަޑައިނުގަންނަވާ ހުރިހާ ރަށްރަށަށް ޒިޔާރަރްކޮށް ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
އެހެންވީމަ މި ދާއިރާގައި ދެން ހުރި ރަށްތަކަށް ވެސް މި އަތޮޅުގައި ވެސް އަޅުގަނޑަށް ނުދެވި ހުރި ރަށްތަކަށް އަދި މުޅި ރާއްޖޭގަ ވެސް ނުދެވޭ ރަށްތަކަށް މިއަންނަ އަހަރު ތެރޭ ބަހާލައިގެން މިއަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށަކަށް އަޅުގަނޑު ދާނަން – ރައީސް
އެގޮތުން ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމުން ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދަން ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދައުރުގެ ތެރޭގައި ދެ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.