ރާއްޖޭގައި ވޭޕްކުުރުމާއި އެތަކެތީގެ ވިޔަފާރީކުރުމުގެ އިތުރުން އެތަކެތި ރާއްޖެ އެތެރެކުރުމާއި އިޝްތިހާރުކުރުން މަނާ ކުރުމަށް ނިންމި ނިންމުމަކީ ރައްޔިތުންގެ އެދުމުގެ މަތިން ނިންމެވި ނިންމެވުމެއްކަމުގައި ރައީސް ވިދާޅުވެއްޖެއެވެ.
ދުފަތާއި ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މިއަދުން ފެށިގެން ވޭޕު ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުނ މިވަނީ ރާއްޖޭގައި މަނާ ކުރެވިފައެވެ.
އެގޮތުން އދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، ކުރިން ވޭޕުގެ ވިޔަފާރި ކުރީ ޤާނޫނީ ގޮތުން ހުއްދަ އޮވެގެން ކަމަށާއި އޭރު ވިޔަފާރި ކުރި މީހުންގެ ކުށެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް އެކަމުގެ ސަބަބުން ޤައުމަށް ލިބެމުން ދިޔައީ ގެއްލުން ކަމަށާއި ޤައުމުގެ ރައްޔިތުން އެދެމުން ދިޔައީ ވޭޕްކުުރުމާއި އެތަކެތި ރާއްޖޭގައި ބޭން ކުރުމަށް ކަމަށެވެ.
ގައުމުގެ ރައްޔިތުންގެ ހާލުގެ ދުލުން އެދެމުން ދިޔައީ މިކަމުން ތިމަންނަމެންގެ ދަރިން ސަލާމަތް ކޮށްދޭށޭ. އެހެންވީމަ، އަޅުގަނޑުމެން ނިންމީ އެކަން ހުއްޓާލަން – ރައީސް
މިއަދުން ފެށިގެން ވޭޕް ކުރުމާއި އެތަކެތީގެ ވިޔަފަރިކުރުން މަނާވެފައިވާއިރު، އެކަމާ ގުޅޭ މުއާމަލާތެއް ކޮށްފިނަމަ ހަރުކަށި އަދަބު ދޭން ވަނީ ނިންމާފައެވެ. އެގޮތުން، ވޭޕު ބޭނުންކޮށްފިނަމަ، 5،000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ވޭއްޕު ވިއްކާ ކޮންމެ މީހަކު 20،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި، ވިއްކާ ކޮންމެ ވޭޕަކަށާއި ހިލޭ ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއް ދޭން ޖެހޭނެއެވެ.