ވިސާއެއް ނެތި ތ ވޭމަންޑޫގައު އުޅެމުން އައި ފްރާންސްގެ އާއިލާއިން ދިވެހި ރަށްވެހިކަމަށް އެދިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ފްރާންސްއަށް ނިސްބަތްވާ ދެމަފިރިންނާއި އެމީހުންގެ 4 ކުދިން ވޭމަންޑޫގައި ދިރިއުޅެމުން އަންނަތާ 6 އަހަރުވެފައިވާއިރު އެ އާއިލާ ރާއްޖޭގައި އުޅޭތާ މިހާރު ވަނީ 12 އަހަރު ވެފައެވެ. މިކަން ފެންމަތިވެފައިވަނީ މިހާރު ނޫހުގަިއ ޝާއިރުކުރި ރިޕޯޓަކާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ، އެ އާއިލާއާއި އިންޓަރވިއު ކުރުމުން ދިވެހި ރަށްވެހިކަމަށް އެދިފައިވާކަމަށާއި އެހެން ނަމަވެސް ރަށްވެހިކަން ނުލިބޭ ނަމަ އެމީހުންގެ އަމިއްލަ ޤައުމަށް އެނބުރި ދިއުމަށްވެސް އެ އާއިލާއިން އެދިފައިވާކަމަށެވެ.
އެހެން ނަމަވެސް އިމިގްރޭޝަނުން ބުނީ ރާއްޖޭގެ ޤާނޫނު އޮންނަގޮތުން އެހެން ޤައުމެއްގެ ރައްޔިތަކަށް ރަށްވެހިކަން ދެވޭގޮތަށް ފަހިވެފައި ނޯންނަކަމަށެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު “އެކްސް” ގައި މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ފްރާންސަށް ނިސްބަތްވާ ހަ މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު “އިމިގްރޭޝަން ވޮޗް” އަށް ލިބުނީ މިދިޔަ ޖުލައި 18 ގައި ކަމަށެވެ.
އަދި އެ މައްސަލައިގައި ހިމެނޭ އިސް ފަރާތް އިދާރާއަށް ހާޒިރުކުރި ކަމަށް އެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެެ. އަދި އެ މީހުންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތީ އާއިލާ ރާއްޖެ އިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.
އެ އާއިލާއިން ރާއްޖޭގައި ވަޒަންވެރިވެ އުޅެމުން އާމްދަނީ ހޯދަމުން ދަނީ މަސްވެރިކަން ކޮށްގެންނެވެ.