ރާއްޖެއަށް ޒިޔާރާތްކުރެވެނީ ވިސާ ފީ ދައްކައިގެން ކަމަށް ބުނެ އޮޅުވާލައިގެން ފަތުރުވެރިންގެ އަތުން ފައިސާ ހޯދާ މައްސަލައެއް ސަމާލުކަމަށް އައިސް އެކަމާއި މެދު ސަމާލުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެގޮތުން މިކަމާއި ގުޅިގެން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްގެ ފަރާތްޕުޅުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުއްދަ ދޫކުރާ ރަސްމީ ނިޒާމެއް ކަމަށް ބުނެ އޮޅުވާލާ މޯލްޑިވްސް އެންޓްރީގެ ނަމުގައި ހިންގާ ވެބްސައިޓެއް ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން އިމިގްރޭޝަންގެ ޓްރެވަލް ޑިކްލަރޭޝަން ފަސޭހަކޮށްދޭ ކަމަށް ބުނެ ދޮގު މައުލޫމާތު ދީގެން ފަތުރުވެރިިން އަތުން ފައިސާ ހޯދަމުން އަންނަކަމަށާއި އެގޮތަށް ފައިސާ ހޯދަމުން ދަނީ ރާއްޖެއަށް އައުމުން ހިލޭ ވިސާ ލިބޭކަން ނޭނގޭ ފަތުރުވެރިންގެ އަތުންކަން މަޓޯޓާގެ ސިޓީގައި ވަނީ ބުނެފައެވެ.
އެފަދަ މަކަރުވެރި އަމަލުތަކުގެ ސަބަބުން ފަތުރުވެރިންނަށް ގެއްލުން ލިބުމުގެ އިތުރަށް ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަން ހަޑިވާކަން މަޓާޓޯއިން ފާހަގަކުރިއެވެ.
ވުމާއެކު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމާއި ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދި މަޓޯޓާއިގެ ސިޓީގައި ވަނީ މިފަދަ ސްކޭމްތަކަށް ފަތުރުވެރިން ހޭލުންތެރިކުުރުމުގެ ޕްރޮގްރާތަކެއް އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ހިންގުމަށް އެދިފައެވެ.
އެކި އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގައި އާންމުވެފައިވާއިރު މިފަދަ މައްސަލަތައް ބެލުމަށް ފުލުހުންގެ ޚާއްސަ ސްކެޝަނެއްވެސް އުފައްދައިގެން މަސައްކަތް ކުރާނެ ކަމަށްވެސް ފުލުހުން ބުނެފައި ވީނަމަވެސް މި މައްސަލައަކީ މިހާތަނަށްވެސް ވަކި ކޮޅަކު ޖެހިފައި ނުވާ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.