ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ލިޔެކިޔުންތައް ފޯޖް ކޮށްގެން އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުޤީގަށް ޖަގާދީ ފުރިހަަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ކުންފުނީގެ އެމްޑީ ފަޒުލް ހިމެނޭހެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑްކޮށްފިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ މައްސަލަ އެންމެ ފުރަތަމަ ހިލިގެން ދިޔައީ މީސް މީޑީޔާގައެވެ.
މިކަމާއި ގުޅިގެން ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ބޯޑުގެ މެންބަރުން ސަސްޕެންޑްކޮށްފައި ވަނީ ފުލުހުން ކުރިށްގެންދާ ތަހުގީގު ނިމި ޕީބީސީން ވަކި އެއްޗެއް އަންގަންދެންކަމަށެވެ. އެގޮތުން އެ ކުންފުނީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުވެސް އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ޕީސީބީގެ ބަޔާނުގައި ވެއެވެ.
މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް އަރުވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެޗްޑީސީން ރޭ ބުނެފައިވަނީ “ބިންވެރިޔާ” ސްކީމްގެ ދަށުން އެޗްޑީސީން އެއްވެސް ބިމެއް ނުދޭނެ ކަމަށާއި އެ ސްކީމްގެ ދަށުން ބިން ލިބޭ އެއްވެސް މީހަކު އިސްތިސްނާވާ ގޮތަކަށް އެޗްޑީސީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.