ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިޔާ ދެމަފިރިންގެ ބަންދަށް އިތުރުން އެއްމަސް ޖަަހައި މި މަހުގެ 26 ގެ ކުރިން އެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެކަމަށް ވަކީލުން ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ނިސްބަތްވާ މުހައްމަދު ޝޯއިބް، 41، އާއި އޭނާގެ އަންހެނުން އައިޝާ، 38، ހައްޔަރުކުރީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އެމީހުން އެންމެ ފުރަތަމަ ހައްޔަރު ކުރި އިރު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ދެމީހުން ކުށްކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި އަދި ސީންއަށް ދިޔަ ފުލުހުންގެ ބަޔާންވެސް ހެކީގެ ގޮތުގައި ހިމެނޭ ކަމަށެވެ.
އެ ދެ މީހުން ރާއްޖެ އައި އިރު ލަގެޖުގެ ތެރެއިން ފޮރުވާފައި ހުރި ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަަރު (އައިއޯ) ކްރިމިނަލް ކޯޓުގައި ވިދާޅުވެފައިވެއެވެ.