އަމީނީ މަގުގައި ހުރި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އައި އިމާރާތުގައި ރޯވެ އިމާރާތް ހުލިވި ހާދިސާގެ ތަޙުޤީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމަކުން ގުޅިއްޖެއެވެ.
ހައުސިން މިނިސްޓްރީ، އިންފްރާންސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް ވެސް ކުރަމުން އައި މި އިމާރާތުގައި އަލިފާން ރޯވެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި ވާއިރު މި އޮފީސްތަކުގެ ހިންގުން ވަނީ ވަގުތީގޮތުން ދަރުބާރުގެޔަށް ބަދަލުކޮށްފައެވެ.
މިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް، ޝުޖާއު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ކޮމިޝަނަރު ވިދާޅުވީ އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ދިވެހި ފުލުހުންނާއެކު މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި މައްސަަލައާއި ގުޅިގެން ރޯވި މަންޒަރު އެންމެ ފުރަތަމަ ދުށް މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާއިރު މިކަމާއި ގުޅުން ހުރި އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތަކުން އެކަން ފުލުހުންނާއި ހިއްސާކުރުމަސް ފުލުހުން އެދިފައިވެއެވެ.
މިމަހުގެ 12 ވަނަ ދުވަހު ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ ވަނީ، އެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް، ބޭރު ތަޖުރިބާކާރުންގެ ޓީމަކާ ގުޅިގެން ހިންގާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.