ލިސްޓުގައި ނެތް ބަޔަކަށް ބިންވެރިޔާގެ ބިން ލިބުނު މައްސަލައިގެ ތަހުގީގުތަކާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ހިމެނޭހެން އިތުރު ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕާސްޕޯޓް ހިފެހެއްޓުމަށް އަންގައިފައި ވަނީ، ހައުސިންގް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީންގެ އިތުރުން ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފާއި ކުރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ވިޝާން ނަސީމް އަދި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެއެވެ.
ފަހަގަކޮށްލަން ޖެހެނީ މި މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހުން ޕާސްޕޯޓްވެސް މިއަދު ވަނީ ހިފަހައްޓައިފައެވެ.
ސައްހަ ނޫން ލިޔުންތަކެއް އުފައްދައިގެން ޝަރުތުހަމަނުވާ ބަޔަކަށް ގޯތިދިން މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނެފައިވަނީ، ވަގު ލިޔުންތަކަކީ ކުރީގެ ސަރުކާރުގައި ހައުސިންގް މިނިސްޓީން ދިން ލިޔުންތަކެއް ކަމަށް ތަޙުޤީގުން މިހާތަނަށް ކުރި ސުވާލުތަކުން އެނގިފައިވާކަމަށެވެ.
މަވެސް މި ކަމާ ގުޅިގެން އަކްރަމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ފަޒީލްއާ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށާއި، އަދި ދުވަހަކު ދިމާވެފައި ވެސް ނުވާ ކަމަށެވެ. އަދި އެއްވެސް ކަމެއްގައި އޭނާއާ ބައްދަލުކުރަން ފަޒީލް އެދިފައި ވެސް ނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ގޯތި ވައްކަމުގެ މައްސަލަ ސަމާލު ކަމަށް އައީ ފަޒީލް ރަޝީދުގެ ޝަރުތު ހަމަނުވި ނަމަވެސް، އޭނާއަށް ގޯތި ދީފައިވާ ލިޔެކިޔުމެއް ސޯޝަލް މީޑިއާއަށް ލީކުވުމާ ގުޅިގެންނެވެ.
ޝަރުތު ހަމަނުވި ނަމަވެެސް ފަޒީލަށް ހުޅުމާލެއިން ލިބުނު ގޯތީގައި ވަށައިފާރުވެސް މިހާރު ހުރީ ރާނައިފައެވެ.
މި މައްސަަލައާއި ގުޅިގެން ޕިބީސީން ވަނީ މައްސަލައިގެ ތަހުޤީގަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީގެ އެމްޑީ ފަޒުލްވެސް ހިމެނޭގޮތަށް އެ ކުންފުނީގެ ބޯޑުގެ މެމްބަރުން ސަސްޕެންޑް ކޮށްފައެވެ. އަދި އެމްޑަބްލިއު އެސްސީން ވަނީ އެ ކުންފުނީގެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުވެސް ސަސްޕެންޑްކޮށްފައެވެ.