ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލައި ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފިއެވެ.
އެގޮތުން އެ ތިން ބޭފުޅުންގެ މައްސަލަ ބަލަން ޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ޕްރިސިކިއުޓަރ ޖެނަރަލްގެ އޮފީހަށް މި މަހުގެ 12 ވަނަ ދުވަހު އަންގައިފައި ވަނިކޮށް ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2018 ނޮވެމްބަރު 17 އިން ފެށިގެން 2023 ނޮވެމްބަރު 17 ވަަނަ ދުވަހާއި ދެމެދު ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާ އާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބަޔާންކޮށްފައިވާކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާކަކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އޭސީސީއަށް ތަޙުޤީގުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއް ފާހަގަވެފައިވާތީ، ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަޙުޤީގެއް ހިންގުމަށް މި މަހުގެ 17 ވަނަ ދުވަހު އޭސީސީއަށް އަންގާފައިވާނެ ކަމަށް ޕީޖީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީއާ މަޝްވަރާކުރަމުން ގެންދިއުމަށް އެ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ވެސް ޕީޖީން ވަނީ ބުނެފައެވެ.
މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.